ކުރީ ސަރުކާރު ތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ނަގާފައިވާ ލޯންތަކަށް ދައްކަން ޖެހޭ ފައިސާ އާއި އަރާފައިވާ އިންޓަރެސްޓް ދެއްކުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ފަސް ކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަފުޅު ދައްކަވަމުންނެވެ. ބޭރުގެ ދަރަނި ދެއްކުމައްޓަކައި އަބަދުވެސް އެންމެ ގިނައިން ރާއްޖެއަށް އެހީތެރިކަން ފޮރުކޮށްދޭ ދެގައުމަކީ އިންޑިއާ އާއި ޗައިނާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ދެ ގައުމުން މި ގައުމުގެ ދަރަނި ދެއްކުމުގައި އެހީވުމުގެ ގޮތުން ލުއި ގޮތްތައް ހޯދައިދޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދީ ސިޔާދަތު ހަރުދަނާ ކުރުމައްތަކައި ކުރަމުންދާ މަސައްކަތުގައި އެ ދެ ގައުމުން ދެމުންދާ އެއްބާރުލުމަށް ދެ ގައުމުގެ ސަރުކާރަށް ވެސް ދިވެހި ރައްޔިތުންގެ ނަމުގައި ހާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯންތަކާއި އެ ލޯންތަކުގެ އިންޓްރެސްޓް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ނުދައްކާ ގޮތަށް ނިންމައި ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ މި ކަމުގެ ފަންނީ މަސައްކަތްތައް ކަމަށް ވެސް ރައިސް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކީގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުން ވެސް އެ ގައުމަށް ދައްކަން ޖެހޭ ލޯން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ފަސްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުން ދާދި ފަހުން ވަނީ އިންޑިއާއަށް ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލް އޯވާ ކޮށްދީފައި ކަމަށާއި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ކޯޓާ ވެސް ދެ އަހަރު ދުވަހަށް އިތުކޮށްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ވެސް ބޭނުން ކުރެވޭނެ ގޮތަށް ކަންކަން ހަމަޖައްސައި ދީފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ގައުމެއްގެ މިނިވަންކަމުގެ ސިޔާދަތު ދެމެހެއްޓުމައްޓަކައި ހާރިޖީ ސިޔާދަތު ބައްޓަން ކުރަން ޖެހޭނެ ގޮތަކީ މިއީ ނޫން ތޯ ރައީސް ސުވާލު އުފެއްދެވިއެވެ. މި ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ އެކި ކަންކަމުގައި އެކި ގައުމުތަކުން ނަގާފައިވާ ލޯންތައް ލުއި ގޮތަކަށް ބަހާލައިގެން ދައްކައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިގްތިސޯދު މެނޭޖް ކުރުމަށް ރޭވިފައިވާ ގޮތަށް ކަންކަން ތަންފީޒް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.