ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު އަނެއްކާވެސް ދިވެހި ރާއްޖެއަށް ލިބިއްޖެއެވެ.

ހެންލީ އެންޑް ޕާޓްނާސް އިން ނެރޭ، އިންޑެކްސްގައި ރާއްޖެ އޮތީ މިދިޔަ އަހަރަށް ވުރެ ދަރަޖަ މައްޗަށް ޖެހިފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ ދުނިޔެއިން 61 ވަނައިގައި އޮތްއިރު މި އަހަރު ރާއްޖެ އޮތީ 52 ވަނައިގައެވެ.

ހެންލީ އެންޑް ޕާޓްނާސް އިން ނެރޭ، އިންޑެކްސް އަކީ ދުރާލާ ވިސާ ހޯދުމެއް ނެތި، ފަސޭހަކަމާ އެކު އެތެރެވޭ ޕާސްޕޯޓުތައް ބަލައިގެން ނެރޭ އިންޑެކްސް އެކެވެ. ވޭތުވެދިޔަ ތިން އަހަރު ވެސް ރާއްޖެއިން ދެކުނު އޭޝިޔާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ހިފަހައްޓާފައިވާއިރު، ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 94 ގައުމަށް މިހާރު ދަތުރު ކުރެވެއެވެ.

ދެކުނު އޭޝިޔާގެ އެއްވަނައިގައި ރާއްޖެ އޮތްއިރު، ދެވަނައިގައި މި އަހަރު ވެސް އޮތީ އިންޑިއާއެވެ. އިންޑިއާ އޮތީ ދުނިޔޭގެ ރޭންކިންގައި 82 ވަނައިގައެވެ. ދެކުނު އޭޝިޔާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމުގެ ތިންވަނައިގައި އޮތީ ދުނިޔޭގެ ރޭންކިންގެ 93 ވަނައިގައި އޮތް ސްރީލަންކާއެވެ.

މި އަހަރު މުޅި ދުނިޔެއިން އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ހޮވިފައިވަނީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. ސިންގަޕޫރުގެ ޕާސްޕޯޓު ބާރުގަދަ ޕާސްޕޯޓަކަށް ހޮވިފައިވާއިރު މި މަގާމުގައި ކުރިން އޮތީ ޖަޕާނެވެ. ސިންގަޕޫރުގެ ޕާސްޕޯޓުގައި 195 ގައުމަކަށް ވިސާއާ ނުލާ ދަތުރު ކުރެވެއެވެ.