ނަޒީފަށް ހަމަލާދިން މައްސަލައާއި ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގުނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަަމަށެވެ.

މި މަހުގެ 8 ވަނަ ދުވަހު ނަޒީފް، ހުޅުމާލެ ފޭސް 1 ގައި ސައިކަލުގައި ގޮސް ރެޑްވޭވް ކައިރި މަޑުކުރި ވަގުތު ހިންގި މަރާމާރީގައި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މ. ރަތްމަންދޫއަށް ނިސްބަތްވާ އަހުމަދު ނަޒީފްގެ ނިތްކުރި އަދި ބޯފަޅާލާފައި ވާއިރު، އޭނާގެ މޫނުގެ ބޮޑު ބައެއް ވަނީ ދުޅަވެފައެވެ. އަދި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ވެސް އާއިލާއިން މައުލޫމާތު ދެއެވެ.

މި މައްސަލައާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.