ރާއްޖޭގެ ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއިން މި ދިރާސާ މަސައްކަތް ހަވާލުކޮށްފައިވާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއަށެވެ.

މި މަސައްކަތް ރަސްމީ ގޮތުން ފައްޓާފައި އިއްޔެ އިސްލާމިކް ޔުނިވާސިޓީގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރުގެ އިތުރުން މި މަސައްކަތުގެ ވިލަރެސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހެޕިނެސް އިންޑެކްސްއަކިީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި، އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސްއެކެވެ. ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ މިހާރަކަށް އައިސް ދުނިޔޭގައި އާންމުކޮށް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެކެވެ.

އާންމުކޮށް ދުނިޔޭގައި މި ކަން ބަލައި އުޅެނީ 10 ދާއިރާއަކަށް ބަލައިގެންނެވެ. ދުނިޔޭގެ ހެޕިނެސް އިންޑެކްސްގައި މި ވަގުތު އެންމެ ކުރީގައި އޮތީ ފިންލެންޑެވެ.

ހެޕިނެސް އިންޑެކްސްގައި ބަލައިލާ ދާއިރާތައް:

  1. ނަފުސުގެ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން
  2. ޖިސްމުގެ ނުވަތަ ޖިސްމާނީ ދުޅަ ހެޔޮކަން
  3. ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރު
  4. ކަނަކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ޘަޤާފީ ކަންކަން ކުރުމަށް ފުރުޞަތުލިބުން
  5. މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަން
  6. އިޖުތިމާޢީ އެހީތެރިކަން
  7. ތިމާވެށްޓާ ގުޅުން އޮންނަ މިންވަރު
  8. ސަރުކާރާ މެދު ދެކޭ ގޮތް
  9. ދިރިއުޅުމުގެ ފެންވަރު
  10. ކުރާ މަސައްކަތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރު

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ކުރަމުންދާ މި ދިރާސާ ކުރިޔަށް އޮތް 6 މަހެއްހައި ދުވަސްތެރޭ ނިންމާ ލެވޭނެ ކަމަށް ބެލެވޭ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ.