އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ގޮސް ހުރި ހޮޓަލުގެ ތެރެއަށް ފުޅައާއި ގޮއްފުޅަނގި އަދި ސޫފި އަލައިފި ކަމަށް ބައެއް ހަބަރުތަކުން ބުނެފިއެވެ.
ސޯޝަލްމީޑިއާއާއި ބައެއް ނޫސް ވެބްސައިޓްތަކުގައި ބުނެފައި ވާ ގޮތުން, ނަތަންޔާހޫ އެމެރިކާގައި ހުންނަ ވޯޓާގޭޓް ހޮޓަލުގެ ކޮންފްރަރެންސް ރޫމެއްގެ މޭޒުމައްޗަށް ފުޅަތަކެއް ވަނީ އަޅާފައެވެ. އަދި ތަޅުން މައްޗަށް ގޮއްފުޅަނގި އަޅާފައިވާ އިރު ކާޕެޓު ހިމެނޭ ސަރަހައްދަށް ސޫފިތަކެއް އަޅާފައި ވެއެވެ. މީގެ އިތުރުން ހޮޓަލުގެ އެލާމް ސިސްޓަމް ޖައްސާފައި ވުމުން, އެތާ ތިބޭ މީހުންނަށް އުނދަގޫވާ ވަރަށް އަޑުގަދަވަމުން ދިޔަ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ހަބަރު އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުން ކަށަވަރުކޮށެއް ނުދެއެވެ.
ސޯޝަލްމީޑިއާގެ އެއް އެކައުންޓެއްގައި ވާގޮތުން މިއީ, ނަތަންޔާހޫ ބައްދަލުކުރާން ތައްޔާރުކޮށްފައި ވާ ކޮންފަރެންސް ރޫމްކަމަށް ބުނެ ނަކަލެއް ހަދާ އެތަނަށް ފުޅައާއި އެނޫންވެސް ސޫފި އަޅާ ހަދާފައިވާ ވީޑިއޯއެކެވެ. އެ އެކައުންޓުން ބުނެފައި ވަނީ, ދެ ލީޑަރުންގެ ބައްދަލުވުމަކަށް ތައްޔާރު ކޮށްފައި ހުރި މޭޒެއްގެ މަތީގައި ފެންބޯ ތަށިތައް ބަންޑުން ޖަހާފައި ނުބަހައްޓާނެ ކަމަށާއި އެވާނީ ހަމާސްގެ ލީޑަރު ސިންވާރުގެ މޭޒަށް ކަމަށެވެ.
ނަތަންޔާހޫ އެމެރިކާއަށް ގޮސް ރޭ އެގައުމުގެ ކޮންގްރެސްގައި ވާހަކަ ދައްކާފައި ވާއިރު އޭނާ ވަނީ, ގާޒާއަށް އަރާ ކުރަމުން ދާ ހަނގުރާމަ ދިފާއުކޮށްފައެވެ. އަދި އެ ހަނގުރާމައަކީ, ނުބައިނުލަފާ ކަމާއި ތަރައްގީއާ ދެމެދު ކުރެވޭ ހަނގުރާމައެއް ކަމަށް ބުނެފައި ވެއެވެ. ނުބައިނުލަފާކަން އޭނާ ގުޅުވީ ހަމާސް އާއެވެ. އަދި ތަރައްގީއާއި ތަހުޒީބު ގުޅުވާލީ އިޒްރޭލާއެވެ.
ނަތަންޔާހޫގެ ވާހަކަ ކުރިއަށް ގެންދިޔަ އިރު, އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ހުރިހާ މެންބަރުންހެން އޭނާއަށް ތާއީދު ކުރާކަން ހާމަ ކުރުމަށް އިރުއިރުކޮޅާ ތެދުވެ އަތްޖަހައެވެ. މި ބައްދަލުވުމުގައި ބައިވެރި ނުވެ ރިޕަބްލިކަނުންނާއި ޑިމޮކްރެޓިކްގެ ބައެއް އެމްޕީން ބޮއިކޮޓު ކޮށްފައި ވީ ނަމަވެސް އެއީ މަދު ދެތިން މެންބަރެކެވެ. ބާކީ އެންމެން ތިބީ ހެވިފައި އަތްޖަހާށެވެ.
ނަތަންޔާހޫ ވާހަކަ ދައްކަމުން ދިޔައިރު ކޮންގްރެސްގެ ބޭރުގައި ނަތަންޔާހޫ އާއި ދެކޮޅަށް އަދި އިޒްރޭލުން ފަލަސްތީނާއި ގާޒާއަށް ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރުމުގައި ގިނަ އަދަދެއްގެ އާންމުން ދިޔައީ ބައިވެރިވެ އަޑުއުފުލަމުންނެވެ.
އެތައްހާސް ބަޔަކު އެއްވެ މުޒާހަރާ ކުރަމުން ދިޔަ އިރު, އެމެރިކާގެ ފުލުހުން ވަނީ, އެތައް ފަހަރެއްގެ މަތިން އިންޒާރު ދީ އާންމުން ހުއްޓުވަން މަސައްކަތް ކޮށް އެންމެ ފަހުން ޕެޕާސްޕްރޭ ޖަހާ އަދި ބާރުގެ ބޭނުންކޮށްގެން ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ.
މި މުޒާހަރާގައި ބައިވެރިން ވަނީ ނަތަންޔާހޫގެ ބައްޓަމަށް ހަދާފައިވާ ބުދު ނުވަތަ މެސްކޮޓް ގައި ރޯކޮށް އަދި ދިދައާއި ބެނާވެސް އަންދާ ހަދާފައެވެ. މި ހަމަނުޖެހުންތައް މައިތިރި ކުރަން އެމެރިކާގެ ސިފައިންވެސް ހަރަކާތްތެރިވެފައި ވެއެވެ.