ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ހުއްދަ އާއި ކޯޓާ ފީ ނުދައްކާ ހާހަކަށް ވުރެ ގިނަ ކުންފުނިތަކުން ދައުލަތަށް ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާކަން ހާމަވެއްޖެއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، މަޝްހޫރު ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން ފީތައް ނުދައްކާ އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކުންފުނިތަކަކީ:

  • ފުޓްސަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް: 26.8 މިލިއަން ރުފިޔާ
  • އެޑްވާންސް ގޯ ކޮންސްޓްރަކްޝަން: 14.8 މިލިއަން ރުފިޔާ
  • ބްރައުން ބިލްޑާސް: 14.5 މިލިއަން ރުފިޔާ
  • ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން: 11.2 މިލިއަން ރުފިޔާ

މި ލިސްޓުގައި އަހްމަދު މޫސާ (ސީލައިފް އަންމަޓީ) ގެ ސީލައިފް ކުންފުންޏާއި، މަޝްހޫރު ވިޔަފާރިވެރިޔާ ޖައުފަރު އީސާ އާދަމްގެ ތިން ކުންފުނިކަމަށްވާ ޖާހް އިންވެސްޓްމެންޓާއި ޖާސް ކޮންސްޓްރަކްޝަނާއި ޖައުސާ ކޮންސްޓްރަކްޝަންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ)ގެ ހެވީލޯޑު ވެސް ހިމެނެއެވެ.

މީގެ އިތުރުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ މިމްސް ކޮންސްޓްރަކްޝަނާއި ސްވިފްޓް އިންޖިނިއަރިންނާއި، މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ ރެޑްވޭވް ކުންފުންޏާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އެލާމްސް ޕްރައިވެޓް ލިމިޓެޑް ވެސް މި ލިސްޓުގައިވެއެވެ.

ލިސްޓުގައިވާ ކުންފުނިތަކުން ދައްކަން ޖެހޭ ޖުމްލަ އަދަދު އެއްކޮށްލުމުން 636.5 މިލިއަން ރުފިޔާ އެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭކަން ހާމަވެއެވެ.

މިއީ ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާތައް ނުދައްކައިގެން ސަރުކާރުން ކުންފުނިތަކުގެ ނަން ހާމަކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ރޭ ކުރި އިއުލާނުގައި މިނިސްޓްރީން ވަނީ، އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން މި ކުންފުނިތަކުން ފައިސާ ދައްކައި ހަލާސްކުރުމަށް އަންގައިފައެވެ. އެހެން ނޫން ނަމަ އެކްސްޕެޓް ސިސްޓަމްގެ ދަށުން ބިދޭސީން ގެނައުމުގެ އާ ހުއްދަދިނުން ހުއްޓާލާނެ ކަމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ.