ފެނަކަ ހިންގަން ނޭގޭނަމަ، ފެނަކަ ކޯރަޕޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މަޝްވަރާ ހޯދުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ފެނަކަ އެމްޑީ މުއާޒުއަށް ރައްދު ދީފިއެވެ.

އައްޑޫގައި ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސް ވެފައި ވާއިރު މިކަމާ ގުޅިގެން ފެނަކަ އެމްޑީ މުއާޒު ވަނީ އައްޑޫ ސިޓީގައި ކުރީ ސަރުކާރުން ހިންގާފައިވާ ޕްރޮޖެކްޓުތަކަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން މުއާޒު ވިދާޅުވީ މާކެޓު ރޭޓުގައި 44 މިލިއަން ރުފިޔާއަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ހަރަދު ކޮށްގެންވެސް ނުނިންމުނު ކަމަށެވެ. އަދި ނާޖާއިޒު އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރި ވެފައި ވާކަމަށް ތުހުމަތުކޮށް މުއާޒުވަނީ މި ޕްރޮޖެކްޓަަށް ހަރަދުކުރި އަދަދުތައްވެސް ހިއްސާ ކުރައްވާފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މޭޔަރު ނިޒާރު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައްކަން ޖެހޭ ވާހަކަ މުއާޒު ދައްކަވަން ޖެހިވަަޑައިނުގަންނަވާ ކަމަށާއި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދޭންޖެހޭ ކަމަށެވެ. އަދި މުއާޒު ހަވާލުވެވަޑައިގަތީ ފެނަކަ ހިންގަވަން ކަމަށާއި، ފެނަކަ އޮޑިޓް ކުރަން ނޫންކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ އައްޑޫގައި އަޅަން ފަށާފައިވާ ޕަވާ ހައުސް ނިންމަން ޖަނަރޭޓަރު ގެންނަންޖެހޭ ކަމަށެވެ. އަދި އެކަމަށް ފައިސާ ހޯދަން އެނގެންޖެހޭ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ ސަރުކާރަށް ފައިސާ ލިބޭނެ ކަމަށާ، ފެނަކަ ހިންގަން ނޭނގޭނަމަ އަދި ފައިސާ ހޯދަން ނޭނގޭނަމަ ކުރީގެ އެމްޑީ ސައީދުގެ މަޝްވަރާ ހޯދަންޖެހޭ ކަމަށެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު މިހެން ވިދާޅުވެފައި ވާއިރު، ސައީދުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ސައީދުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް، މިދިޔަ ޖޫންމަހު ވަނީ ކުއްލަ މައްސަލައެއްވެސް ހުށަހަޅާފައެވެ. އެގޮތުން ސައީދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި ޖެނަރޭޓަރު ސެޓުތައް މަރާމާތު ކުރަން ކަމަށް ބުނެ 100 މިލިއަން ރުފިޔާ، އަދި ޓްރާންސްޕޯޓްގެ ކަންކަމަށް އެކަނިވެސް އަހަރަކު 100 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައި ވާކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގިނަ ދަތިތަކެއް ދިމާވަމުންދާކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އިތުރަށް އެ ކުންފުނިން ބުނީ އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ދިމާވެފައި ވަނީ މިހާރު ހަރުކޮށްފައިވާ ހުރި ޖެންސެޓުތަކުގެ ތެރެއިން 1.8 މެގަވޮޓުގެ އިންޖީނަށް ދިމާވެފައިވާ މައްސަލަ އާއި ގުޅިގެން ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް ނުކުޅެދިފައި ވުމުން ކަމަށެވެ.