މާލެއިން އަމުރު ކުރާ ގޮތަށް ހިންގާ އަތޮޅުތަކަށް ކުރިއަށް އޮތް 100 އަހަރު ތެރޭގައިވެސް ތަރައްގީއެއް ނާންނާނެކަމަށް އައްޑޫ ސިޓީގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވި، އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މި އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ އަތޮޅުތައް ތަރައްގީ ކުރެވޭނީ މާލެއިން އަމުރު ކުރުމުގެ ބަދަލުގައި ކައުންސިލްތައް ބާރުވެރިކޮށްގެން ކަމަށެވެ. މާލޭގައި ޖަމާކުރެވޭ ބާރުތަކާއި، މާލެ'ދަންނަވާ' ގޮތަށް ހިންގޭ އަތޮޅުތަކަށް ތަރައްގީއެއް ނާންނާނެކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށެވެ.
އަސާސީ ގިނަ ހިދުމަތްތަކެއް އަތޮޅުތަކުގައި ފުރިހަމަ ނުވާކަން ފާހަގަކުރައްވަމުން ނިޒާރު ވަނީ އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށްވެސް އަލިއަޅުއްވާފައެވެ. "ފެނާއި ނަރުދަމާއެއް ނެތް. ރަނގަޅު މަގެއް ނެތް. އައްޑޫ ސިޓީގައި އިންތިހާބަށް 48 ގަޑިއިރުވީ އިރުވެސް އަޅުގަނޑުމެން ނުނިދާ ތިބެ އިންތިހާބުގެ ވޯޓުލާން ދާން ޖެހުނީ. ހަ ގަޑިއިރަށް އައްޑޫ ސިޓީގައި ކަރަންޓު ކެނޑިފައި އޮތް" ނިޒާރު ވިދާޅުވިއެވެ. އަދި މި ސަރުކާރުން މިހާތަނަށް އައްޑޫ ސިޓިއަށް އެއްވެސް ކަމެއްކޮށްދީފައި ނުވާއިރު، މި އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުން ކުރި މަސައްކަތަކީ ބެނާތަކާ، ފޮޓޯތައްޖަހާ ކުރެވެން ހުރި ހަރަދެއް ކުރުން ކަމަށް ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި ކަރަންޓުގެ ހާލަތު ރަނގަޅު ނުކުރެވިގެން އުޅޭތާ ހަތް އަހަރުވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓު އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުން އަންނައިރު އައްޑޫ ސިޓީ ރައްޔިތުންގެ ހިއްސާ ނުލިބޭކަން ނިޒާރު ފާހަގަކުރެއްވިއެވެ. ރައްޔިތުން ހޮވާ ރައްޔިތުންގެ ބާރު ލިބޭ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދީ، މާލީގޮތުން ބާރުވެރިކުރުވައިގެން ނޫން ގޮތަކަށް އަތޮޅުތައް ތަރައްގީ ނުކުރެވޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ހަމައެކަނި އެމްޑީޕީއަށްކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
އިތުރަށް ނިޒާރު ވިދާޅުވީ 2028 ވަނަ އަހަރު އަނެއްކާވެސް އުފެދިގެން އަންނާނީ އެމްޑީޕީގެ ވެރިކަމެއްކަމަށާއި ނަމަވެސް އެ ނަތީޖާއަށް ވާސިލުވެވޭނީ އެމްޑީޕީގެ ލީޑާޝިޕް އެކަތިގަނޑެއް ގޮތަށް މަސައްކަތް ކޮށްގެން ކަމަށެވެ.
