ބަނގުރަލުގެ މައްސަލައެއްގައި 3 މީހުން ހައްޔަރުކޮށްފިއެވެ.

މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ، މި މަހުގެ 23 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ބަނގުރަލުގެ ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ އެޕާޓްމަންޓާއި ފިހާރަ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 141 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި މި މައްސަލައާއި 24 އަަހަރުގެ ބިދޭސީ ފިރިހެނަކާއި 29 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި މި ތިން މީހުން ވެސް ޑީޕޯޓު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމެންޓު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ޑީޕޯޓު ކުރުމަށް ފުލުހުންނާއި އިމިގްރޭޝަނުން ދަނީ ހާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ. އަދި މި ފަދައިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކުށުގެ ވެށިން ފެނުމަކީ މިހާރު އަންމުވަމުން އަންނަ ކެމެކެވެ.