ނަޒީފަށް ހަމަލާދިން މައްސަލައާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރަު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

މި މަހުގެ 8 ވަނަ ދުވަހު ނަޒީފް، ހުޅުމާލެ ފޭސް 1 ގައި ސައިކަލުގައި ގޮސް ރެޑްވޭވް ކައިރި މަޑުކުރި ވަގުތު ހިންގި މަރާމާރީގައި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މ. ރަތްމަންދޫއަށް ނިސްބަތްވާ އަހުމަދު ނަޒީފްގެ ނިތްކުރި އަދި ބޯފަޅާލާފައި ވާއިރު، އޭނާގެ މޫނުގެ ބޮޑު ބައެއް ވަނީ ދުޅަވެފައެވެ. އަދި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ވެސް އާއިލާއިން މައުލޫމާތު ދެއެވެ.

އެ މައްސަލައާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ވަނީ 22 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.

އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޝިފާން ވިދާޅުވީ ރޭ 00:04 ހާއިރު އިތުރު 23 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ތަހުގީގު ކުރަމުންދާ މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ޝިފާން ހާމަކޮށްފައި ނުވެއެވެ.

މިފަހަކަށް އައިސް މާލޭ ސަރަހައްދުގައި މާރާމާރީގެ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ. އަދި މިފަދަ ގިނަ މާރާމާރީތައް ހިންގަނީ ކުށްކުރާ ގޭންގުތަކުންކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް ނަޒީފްގެ އާއިލާއިން ބުނާ ގޮތުގައި އޭނާ އަކީ އެފަދަ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން ކަމަށެވެ.