ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަަނަރު އެންގި މައްސަލަ އިސްތއުނާފް ކުރުމަށް ސުޕްރީމް ކޯތަށް ހުށަހަޅައި ބަލަމުންދާ މައްސަލަ ބާތިލް ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން ހުށަހަޅައިފިއެވެ.

ރައީސް ސޯލިހް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ސަރުކާރުން ކުރި އެންމެހައި ހަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީ ހޯދަން އެދުނު ފަރާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމިއެވެ. އަދި އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި މާޗް 20، 2022 ގައި ހައިކޯޓަށް މައްސަަލ ހުށަހެޅުމުން އެ ކޯޓުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށް ނިންމާފައެވެ.

އެ ނިންމުން އިސްތިއުނާފު ކުރުމަށް ރައީސް އޮފީހުން އޭރު އެދުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ މި މަހުގެ 7 ވަނަ ދުވަހު ހުށަހަޅާފައެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އެ ކޯޓުގެ ނަންބަރު ބަލަމުން ގެންދާ މި މައްސަލައަކީ، މައިގަނޑު ގޮތެއްގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި 76 ވަނަ މާއްދާގެ (ނ) ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކުރާ ގޮތާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް އިސްތިއުނާފުކުރި މައްސަލައެއް ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ނިންމުން އަލުން ދިރާސާ ކުރުމަށްފަހު، ސުޕްރީމް ކޯޓުން ބަލަމުން ގެންދާ އެ މައްސަލަ އަނބުރާ ގެނައުމަށް މިހާރު ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.

އެހެންކަމުން، މި ނިންމުމާ އެއްގޮތަށް މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ވާނީ މައްސަލަ ހުށަހަލާފައި ކަމަށް އޭޖީ އޮފީހުން ބުނެއެވެ. ހައިކޯޓުން ނިންމާފައިވާ ގޮތުގެ މަތިން، އެ މައުލޫމާތުތައް މައުލޫމާތަށް އެދުނު ފަރާތަށް ހިއްސާ ކުރުމަށް ރައީސް އޮފީހަށް ލަފާ އަރުވާފައި ވާނެ ކަަމސް ވެސް އޭޖީން ބުނެއެވެ.