ހުޅުމާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ރަޖިސްޓްރީ ނުކޮށް، ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ފެށި އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދު އިއްޔެ ނަގާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާ، އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްކުރަމުން ގެންދާނެކަމަށް ފުލުހުން ވަނި ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅުއެޅުމުގެ ކަންކަން ވެސް ކުރަމުން ގެންދާނެކަމަށެވެ.

ހުޅުމާލޭގެ ހަނި ގޯޅިތަކުގައި ރަޖިސްޓްރީނުކޮށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ މައްސަލައިގައި ގިނަ ބަޔަކު ވަނީ މީގެ ކުރިންވެސް ކަންބޮޑުވުންފާޅުކޮށްފައެވެ. މި ގޮތުން އަހަރީ ފީ އާއި އެހެނިހެން ފީތައް ގަވައިދުން ދައްކާ ފަރާތްތަކުގެ ވެހިކަލް ޕާކުކުރާނެ ޖާގައެއް ނުލިބޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.