ހުށަހަޅާފައިވާ އާރްޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ނުދީގެން އުޅެނީ ކުރީ ސަރުކާރުގައި ހުށަހެޅި މައްސަލައެއްގައި ކަމަށް އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކަށް އަމަލުނުކުރުމުގެ ސަބަބުން ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވި މައްސަލައިގައި ޖިނާއީ ކުށެއް ހިމެނޭތޯ ބަލަން ތަހުގީގެއް ހިންގުމަށް ޕީޖީން ވަނީ މިއަދު މައްސަލަ ފުލުހަށް ހުށަޅާފައެވެ.
އައިކޮމްއިން ޕީޖީ އޮފީހަށް ފޮނުވީ، ވެކްސިން ޖެހުމާ ގުޅޭ މައުލޫމާތު ތަކެއް ހޯދުމަށް، ކުރީގެ ސަރުކާރުގައި 2022 ވަނަ އަހަރު މީހަކު އެދުމުން އެ މައުލޫމާތު ނުދިން މައްސަލައެކެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލު ނުކުރާތާ 45 ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތަކާމެދު، ގާނޫނޫ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރި ވުމުން އަމަލުކުރާ އުސޫލުން އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށްއެދި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ބާރު ލިބިދީފައިވާ ކަމަށެވެ.
ނަމަވެސް، އަމުރަށް ނުކިޔަމަންތެރިވުން ފަދަ ޖިނާއީ ދައުވާއެއް ކުރާ ނަމަ، އެކަން ކުރެވޭނީ ފުލުހުންގެ ތަހުގީގަކަށް ފަހު، އެ މައްސަލާގައި ޒިންމާވާ މީހަކު ދެނެގަނެވިގެންނެވެ. އެގޮތުގެ މަތިން އެ މައްސަލާގައި ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިމެނޭތޯ ބަލަން ތަހުގީގެއް ހިންގައިދިނުމަށް އެދި ޕީޖީ އޮފީހުން ފުލުހަށް ހުށަހެޅީއެވެ.
އެކަމާ ގުޅިގެން ހީނާ ވަލީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާރްޓީއައި ގެ ދަށުން، ރައީސް އޮފީހުން މައުލޫމާތު ނުދީގެން، ޖިނާއީ ދަޢުވާކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މައުލޫމާތު ހޯދަން ހުށަހެޅި ނަމަވެސް އެކަމާ ގުޅޭ އެންމެ އެދެވިގެންވާ މައުލޫމާތު މިހާރުގެ ރައީސް އޮފީހުންވެސް ހާމަ ނުކުރަމުން ދިޔުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެ މައްސަލަތައް އިންފޮމޭޝަން ކޮމިޝަނަށް ވެސް ހުށަހަޅަމުންދާއިރު ރައީސް އޮފީހުން ކޮމިޝަނުން ބާއްވާ ގިނަ އަޑުއެހުންތަކަށް ހާޒިރު ނުވާ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.
އެ މައްސަލަތަކާ ގުޅިގެން އައިކޮމްގެ ފަރާތުން ވަނީ މައުލޫމާތު ހާމަކުރުމަށް އެކި ފަހަރުމަތިން ރައީސް އޮފީހަށް އަންގާފަ އެވެ. ނަމަވެސް ސަރުކާރުން ތަބާވެފައެއް ނުވެ އެވެ.
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވި ގޮތުގައި ރައީސް އޮފީހުގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކޮށް ފެތުރުން ކަމަށާއި އެފަދަ މައުލޫމާތުތައް ފަސް ޖެހިވަޑައިނުގަންނަވާ ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.