'ފުލުހުންގެ މެމޯރިއަލް ޑޭ' ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.
މެމޯރިއަލް ދުވަހަކީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެފައިވާ ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ގައުމަށްޓަކައި ވެފައިވާ ގުރުބާނީއާއި ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަސް ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ފާހަގަކުރަން ދިވެހި ސަރުކާރުން ހަމަޖައްސާފައިވަނީ 2012 ވަނަ އަހަރުއެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި 'ޕޮލިސް މެމޯރިއަލް ޑޭ އޯޑަރުގެ' ދަށުންނެވެ. މި ނިންމުމަކީ ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށާއި، ގައުމީ ފެންވަރުގައި ފުލުހުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޖުލައި 23 ވަނަ ދުވަހަކީ ފުލުހުންގެ ޔުނީފޯމުގައި ކ. ކާށިދޫގައި ފުލުހަކު ރަސްމީ ޑިއުޓީގައި ރައްޔިތުންގެ ހިދުމަތުގައި ހުއްޓައި، ގޭ ބަންދުގައި ހުރި މީހަކު ބަންދުން އަމިއްލައަށް ވީއްލިގެން އުޅެނިކޮށް، ގާނޫނުގައިވާ ގޮތުގެމަތިން ގޭ ބަންދުގައި ހުންނަން އޭނާއަށް އެންގުމުން އުފެދުނު ހިތްހަމަނުޖެހުމުގައި އޭނާ ދިން ހަމަލާއަކުން ޕޮލިސް ސާޖަންޓް އާދަމް ހަލީމު ޝަހީދުވި ދުވަހެވެ.
ފުލުހުންގެ މެމޯރިއަލް ދުވަސް ނިސްބަތްވަނީ ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ހަލީމް ޝަހީދުވި ހާދިސާއަށް ކަމަށްވާއިރު މި ހިތާމަވެރި ހާދިސާއަކީ ފުލުހުންގެ މަސައްކަތުގެ ނުރައްކާތެރިކަމާއި، ފުލުހުން ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހެއްކެއް ކަމަށް ފުލުހުން ބުނެއެވެ.
ހަމަ އެފަދައިން ފުލުހުންގެ ހިދުމަތުގައި އެކި ދުވަސްވަރު ޝަހީދުވެފައިވާ ހުރިހާ ފުލުހުންގެ ހަނދާން އާކުރުމަށް މި ދުވަސް ވަނީ ކަނޑައަޅާފައެވެ.
މި އަހަރުގެ މެމޯރިއަލް ދުވަސް ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ ޝަރަފުވެރި ހިދުމަތުގައި ދެމިތިއްބައި ޝަހީދުވެފައިވާ ފުލުހުންނާއި ހިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް ހިދުމަތް ކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާން އާކޮށްފައިވެއެވެ.
އެގޮތުން މާލެ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ފުލުހުންގެ ދިދަ ބައި ދަނޑިއަށް ތިރިކޮށް، ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ކުރުމާއި އެ ފުލުުހުންގެ ހަނދާން އާ ކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.