މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަންކުރެއްވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. އެއާއެކު ގަވަރުނަރުކަމުން ހާޝިމް ވަކިކުރައްވައި، އެ މަގާމަށް، މި ސަރުކާރުގެ މާލީ އެޑްވައިޒަރުގެ މަގާމުގައި މިހާރު ހުންނެވި މުނައްވަރުގެ ނަން ރައީސް ވަނީ ހުށަހަޅުއްވައިފައެވެ.

މުނައްވަރުގެ ވަނަވަރާ އެއްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ރައީސް ވަނީ މުނައްވަރުގެ ނަން ދިރާސާކޮށް، އޭނާ އަށް ރުހުންދިނުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގައި އެދިފައެވެ. އަމީންއާންމު ފާތިމަތު ނިއުޝާ އެ ސިޓީފުޅު އިއްވެވުމުން، ރިޔާސަތުން ވަނީ މުނައްވަރުގެ ނަން ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ހާޝިމް، ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ސެޕްޓެމްބަރު 8، 2019 ގައެވެ.