ފުލުހުންގެ ހިދުމަތުގެ ފަރާތުން ނުވަތަ ޕޮލިސް ކޮމިޝަނަރުގެ ފަރާތުން ސައްހަ ނޫން އީ މެއިލްތަކެއް ފޮނުވަމުންދާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝިފާން ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސްގެ ފަރާތުން އަންގާ އެންގުމެއްކަމަށް ސިފަވާގޮތަށް ބައެއް ފަރާތްތަކަށް އީމެއިލް ތަކެއް ލިބެމުންދާކަމުގެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ލިބެމުންދާ ކަމަށެވެ. ނަމަވެސް ދައުރު ވަމުންދާ އީމެއިލް ތަކަކީ މި މިއައްސަސާއިން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫންކަން ފާހަގަ ކުރައްވާ ޝިފާން ވަނީ އެކަމަށް އާންމުން ސަމާލުވާން އެދިފައެވެ.
މިއީ މަކަރާއި، ހީލަތް ހަދާ އަދި އޮޅުވާލައިގެން ނަހަމަގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާންމު އުކުޅެއް ކަމަށްވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.
އެކްސްގެ ޕޯސްޓާއެކު ޝިފާން ވަނީ ދައުރުވަމުންދާ މެއިލް ތަކުގެ ފޮޓޯ ވެސް ހިއްސާކޮށްފައެވެ. އެ މެއިލްތަކުގައިވާ ގޮތުން އެކައުންޓުގައި ސައިބާ ކްރިމިނަލްގެ ހަރަކާތްތައް ހާމަވެފައިވާ ކަމަށް ލިޔެފައިވާއިރު އަދި އެމީހަކު 24 ގަޑިއިރު ތެރޭ ހައްޔަރު ކުރާނެ ކަމަށްވެސް ވެއެވެ.
"ސައިބާ ކްރައިމް އާއި ދެކޮޅަށް ކުރާ މި ހަނގުރާމަ ކުރިއަށް ގެންދާނީ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)، ނޭޝަނަލް ސައިބާ ކްރައިމް ޕޮލިސް، އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަޕޯލް) އަދި އިންޓަނޭޝަނަލް ޕޮލިސް އޯގަނައިޒޭޝަނުން ކަނޑައަޅާ އަމިއްލަ ސެކިއުރިޓީ އިދާރާއަކުންނެވެ." އެ މެއިލްގައި ވެއެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އާއި މުދާ ހޯދާ މިންވަރު ރާއްޖޭގައި އިތުރުވެފައިވާއިރު އެކި ލިންކްތައް ހިމެނޭ މެސެޖުތަކުގެ އިތުރުން ކޯލްތަކާ މެދު ސަމާލުވުމަށް ފުލުހުން ދަނީ އެދެމުންނެވެ.
ހަމައެހެންމެ މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ފުލުހުން ދަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.