ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ ދެ ސީޓީފުޅެއް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވައިފިއެވެ.

މި ދެ ސިޓީފުޅު ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާއެކު މިއަދު ބެއިޖިންގައި ބޭއްވި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހަވާލު ކުރައްވާފައެވެ.

ޒަމީރު ޗައިނާއަށް ކުރެއްވި ދަތުރުގައި ވަނީ ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު ކަމާއި ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ކަން ވެސް ކުރައްވަމުން އަންނަ ވަންގްއާއެކު މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. ވަންގް ވަނީ މިނިސްޓަރު ޒަމީރަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ދެ ގައުމުގެ ތާރީހީ އަދި އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއާއެކު މިނިސްޓަރު ޒަމީރު ވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވާ ކަން ހާމަކުރައްވައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ރައީސްގެ މުއިއްޒުގެ ރަސްމީ ދެ ސިޓީފުޅެއް އަރުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަގައި ވަނީ، މިދިޔަ ޖެނުއަރީ މަހު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ވަން-ޗައިނާ އުސޫލާއި ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު ގިނަ މައުލޫތަކަކަށް މަޗްވްރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޒަމީރުގެ ވާހަކަގައި ވަނީ، ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި 50 އަހަރަށްވުރެ ގިނަ ދުވަހު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ.

ހަމައެއާއެކު ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) މެދުވެރިކޮށް ޗައިނާއިން ފޯރުކޮށްދޭ އެހީތެރިކަމުން ކަމުގައި ފާހަގަކުރައްވާ ޒަމީރު ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ޒަމީރު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ޒަމީރު ވަނީ ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓަރާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް މުއިއްޒު އިއުލާން ކުރެއްވި ފަދައިން ފިސްކަލް އިސްލާހުތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ ވާހަކަތައް ޒަމީރު ހިއްސާކުރެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސޯދަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިގްތިސޯދީ ކުރިއެރުމަށް ހެޔޮ އަސަރުކުރާނެ އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ އެއްބާރުލުން ދިނުމަށް އިތުރު މަގުތައް ހޯއްދަވައިދެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ ޒަމީރުގެ އަރިހުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި، ދިވެހި ސަރުކާރުގެ ސަފީރު ކަމަށް ކަނޑައަޅުއްވާފައި ހުންނަވާ އަދި އިސް ވެރިންނާއި، ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.