ގދ. ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޖިންސީ ގޯނާގެ މައްސަލަ ތައް އިތުރުވެފައިވާއިރު، ނިމިދިޔަ ޖޫން މަހު ފުލުހުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ޖޫން މަހު އެކެނިވެސް ޖިންސީ ގޯނާގެ 23 މައްސަލައެއް އަދި ގެވެށި އަނިޔާގެ 25 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެއެވެ.