ނިއުރޯސާޖަނެއްގެ ގޮތުގައި އޭޑީކޭގައި 9 އަހަރު މަސައްކަތް ކުރެއްވި ޑރ، އަލީ ނިޔާފް އޭޑީކޭއިން ވަކިވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާ ގުޅިވަޑައިގެންފިއެވެ.

ނުވަ އަހަރާއި 10 މަހުގެ ހިދުމަތަށްފަހު ޑރ. ނިޔާފް އޭޑީކޭއިން ވަކިވެވަޑައިގެންކަން ހާމަކުރަމުން އޭޑީކޭއިން ބުނީ ނިޔާފްގެ ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު، ނިޔާފުގެ ބޭބެ ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ ނިޔުރޯސާޖަން ނިޔާފާ އެކު އައިޖީއެމްއެޗުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ކުރިއެރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޑރ. ނިޔާފް، މޯލްޑިވްސް ނިއުރޯ އެންޑޮކްރައިން މެޑިކަލް ފެސިލިޓީގައި ވެސް ބަލިމީހުން ބައްލަވަން ވަނީ ހަމަޖެހިފައެވެ. އެ ފެސިލިޓީން ސޯޝަމް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެ ތަނުގައި އޭނާ ބަލިމީހުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

ޑރ. ނިޔާފަކީ ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަންއެވެ. އޭނާ ވަނީ 2،000 އަށްވުރެ ގިނަ ނިއުރޯސާޖަރީ ކުރައްވާފައެވެ.

ޑރ. ނިޔާފް ތައުލީމު ހާސިލު ކުރައްވާފައިވާ ގައުމުތަކުގެ ތެރޭގައި ރަޝިއާ، އެމެރިކާ، އިންޑިއާ، ބްރެޒިލް އަދި ނޭޕާލް ހިމެނެއެވެ.