އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ 'ބިބީ' ނުވަތަ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަންގާރަ ދުވަހު އެމެރިކާއަށް ދާނެ ކަމަށް ހަބަރުތަކުން ބުނެފިއެވެ.
މިއީ ނަތަންޔާހޫގެ އާ ސަރުކާރު އެކުލަވާލި ފަހުން އޭނާ އެމެރިކާއަށް ދާ ފުރަތަމަ ފަހަރެވެ. މިދަތުރުގައި އެމެރިކާގެ ރައީސް އާ ބަދައްލުކުރެއްވުމުގެ އިތުރުން އެމެރިކާގެ ކޮންގްރެސްގެ މެންބަރުންނާ މުހާތަބުކޮށް އޭނާ ވާހަކަ ދައްކާނެ ކަމަށް ވެސް ބުނެއެވެ.
ނަތަންޔާހޫ އެމެރިކާއަށް ދަތުރުކުރަން ހަމަޖެހިފައި ވާ އިރު އޭނާ ވަނީ, ގާޒާގައި ތިބި ރަހީނުން މިނިވަން ކުރުމަށްޓަކައި އަލުން މަޝްވަރާތަކަށް ދިޔުމަށް ޓީމުތައް އެކުޓިވޭޓް ކޮށްފައެވެ. އެގޮތުން އަންގާރަ ދުވަހު ޓީމުތައް ފުރާނެ ކަމަށް ބުނެއެވެ. އެމީހުން ދަނީ ކޮންތަނަކަށް ކަމެއް އަދި ކޮން ގައުމަކަށް ކަމެއް ސާފެއް ނުވެއެވެ.
2023 ގެ އޮކްޓޯބަރުގައި އިޒްރޭލުން ހަނގުރާމަ ފެށިފަހުން އެތައް ފަހަރެއްގެ މަތިން ސުލްހައިގެ މަޝްވަރާ ކޮށްފައި ވީ ނަމަވެސް, އެދެވޭ ހައްލެއް ނުވަތަ ހަމަލާތައް ހުއްޓާލުމާ ހަމައަށް ދިޔުމުގެ އެއްވެސް މަޝްވަރާއެއް ކާމިޔާބު ވެފައެއް ނުވެއެވެ.
ހަބަރުތަކުން ބުނާ ގޮތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ފަރާތްތަކުން ނަތަންޔާހޫގެ އެމެރިކާ ދަތުރާ ދިމާކޮށް މުޒާހަރާތައް ކުރަން ދަނީ ތައްޔާރު ވަމުންނެވެ. އަދި މިދަތުރު ކުރުމުގެ ހުއްދަ ނަތަންޔާހޫއަށް ނުދިނުމަށް ގޮވާލައި އިޒްރޭލަށް ނިސްބަވްތާ އިލްމީ މީހުންގެ ތެރެއިން 500 އަށް ވުރެ ގިނަ މީހުން ދަނީ އެމެރިކާއަށް ޕްރެޝަރު ކުރަމުންނެވެ. އެމީހުން ބުނާގޮތުން މި ދަތުރު ކުރުމަށް އޭނާއަށް އެމެރިކާ ހުއްދަ ދީފި ނަމަ, ރަހީނުން މިނިވަން ކުރުމަށް ގޮވާލައި އެމީހުން އިޒްރޭލުގައި ކުރަމުންދާ ޕްރެޝާ ތަކުގެ ބާރު ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ.
ރަހީނުން މިނިވަން ކުރުމަށް ގޮވާލައި އިޒްރޭލުގައި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް މިހާރުވެސް ބޮޑެތި މުޒާހަރާތައް ކުރަމުން އަންނަ އިރު ވެރިރަށް ތެލްއަވީވް އާއި އެހެނިހެން ސަރަހައްދުތަކުގެ މީހުންވެސް އަންނަނީ ބައިވެރިވަމުންނެވެ.
ނަތަންޔާހޫ އެމެރިކާއަށް ދަތުރުކުރަން ހަމަޖެހިފައިވާ މިވަގުތަކީ, ޔަހޫޒީ އިޒްރޭލަށް ވަށައިގެންވާ ގައުމުތަކުން ހަމަލާތައް އަމާޒުވަމުންދާ ވަގުތެއްވެސް މެއެވެ. އެގޮތުން ލުބުނާނުގައި ތިބޭ ހިޒްބުއްލޯ އާއި ޔަމަނުގެ ހޫތީންގެ ފަރާތުން ގިނަ ހަމަލާތައް ދަނީ އިޒްރޭލަށް އަމާޒުވަމުންނެވެ. ދާދި ފަހުން ވެސް ހޫތީން ވަނީ އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގެ އެންމެ އެތެރެއަށް ޑްރޯނެއް ފޮނުވާލައި ހަމަލާއެއް ދީފައެވެ. މިއީ އާންމުކޮށް ބޭނުން ކުރާ ޑްރޯންތަކަށް ނުއުދުހެވޭ ދުރުމިނަށް އުދުހި ދިން ހަމަލާއެއް ކަމަށް ވާ އިރު އިޒްރޭލުން ބުނެފައި ވަނީ އެ ޑްރޯން އަކީ ހޫތީން މޮޑިފައި ކޮށް 500 ކިލޯމީޓަރުގެ ރާސްތާއަކަށް އުދުހެވޭ ގޮތަށް ހަދާފައި ވާ ޑްރޯނެއް ކަމަށެވެ.
މިފަދަ އެހެން ހަމަލާއެއް ލުބުނާނު ފަޅިން ދޭން އުޅޭކަން އިޒްރޭލުގެ ސިސްޓަމްތަކަށް ދެނެގަނެވިފައި ވާކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އެ ހަމަލާއަށް ތައްޔާރުވުމަށް ނުވަތަ ނާކާމިޔާބު ކޮށްލުމަށް އެޅި ފިޔަވަޅެއް ނުބުނެއެވެ.
ނަތަންޔާހޫ އެމެރިކާއަށް ދާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގާޒާއަށް ދިން ހަމަލާތަކުގައި 64 މީހަކު ޝަހީދު ކޮށްލައި 100 އަށް ވުރެ ގިނަ މީހުން އިޒްރޭލުން ވަނީ ޒަހަމް ކޮށްލައިފައެވެ.