ގިނަ މުއްދަކަށް އެއްވެސް މުއާމަލާތެއް ނުކޮށް ހުންނަ ޑިޕޮސިޓް އެކައުންޓްތައް ޑޯމަންޓް އެކައުންޓަށް ބަދަލު ކުރާއިރު، މި ވަގުތު 42،000 އަށް ވުރެ އެފަދަ އެކައުންޓްތައް އެބަ ހުރި ކަމަށާއި އެ އެކައުންޓްތަކުގައި ހުރި ފައިސާ ހޯދަން ބޭނުންވާ ނަމަ ފޯމް ހުށަހަޅުމުން ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށޫން އެއްވެސް ބޭންކެއްގެ ޑިޕޮސިޓް އެކައުންޓަކީ ވިދިވދިގެން 5 އަހަރު ވަންދެން މުއާމަލާތެއް ކޮށްފައިނުވާ އެކައުންތެއް ނަމަ އެ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއް ކަމަށް ކަނޑައެޅޭނެ ކަމަށެވެ. ޑޯމަންޓް އެކައުންޓަކަށް ވުމުން އެ އެކައުންޓެއްގައި ހުންނަ ފައިސާ ޓްރާންސްފާ ވާނީ އެމްއެމްއޭ އަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، ޑޯމަންޓް އެކައުންޓަކަށް ހަދައި އެ އެކައުންޓެއްގައި ހުންނަ ފައިސާ އެމްއެމްއޭއަށް ޓްރާންސްފާ ކުރުމުގެ މަގްސަދަކީ އެ ފައިސާ އޭގެ ވެރިފަރާތަށް ރައްކާތެރިކަމާއެކު ރައްދުކޮށް ދިނުން ކަމަށާއި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިކަން ކުރާ ގޮތް ކަމަށެވެ. އަދި އެމްއެމްއޭ އަށް މި ފައިސާ ޓްރާންސްފާ ވި ކަމުގައި ވިޔަސް އެކައުންޓް ވެރިފަރާތުން އެދުމުން އެ އެކައުންޓެއްގައި ހުރި ފައިސާ ވެރި ފަރާތަށް އަނބުރާ ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އެގޮތުން މިހާތަނަށް 42،000 އަށް ވުރެ ގިނަ އެކައުންޓް ޑޯމަންޓް އެކައުންޓަށް ބަދަލުކޮށްފައިވާ ކަމަށާއި އެމްއެމްއޭގެ އެކައުންޓްގައި އެ ފައިސާ ބެހެއްްޓުމަށް ފަހު އެ ފައިސާ ހުންނަތާ 5 އަހަރު ވުމުން ދެން އެ ފައިސާ ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއަށް ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ. މި ފައިސާ ހޯދަން ބޭނުންވާ ނަމަ އެ އިރެއްގައި އެ ފައިސާ ހުރި ތަނަކުން އެދެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ޑޯމަންޓް އެކައުންޓުން ފައިސާ ހޯދުމަށް ބޭންކްއެކައުންޓް ހުޅުވާފައިވާ ބޭންކަށް ފޯމް ހުށަހެޅުމުން އެމްއެމްއޭއިން އެ ފައިސާ ދޫކުރާނެއެވެ. އަދި ފައިސާ ހޯދަން އެދޭ ފަރާތުން އެދޭ ގޮތަކަށް އެ ފައިސާ ހަވާލު ކުރާނެ ކަމަށާއި، އޭގެ ެތޜޭގައި އެހެން އެކައުންޓަކަށް އެ ފައިސާ ތްރާންސްފާ ވެސް ކޮށް ދޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނަގަދު ފައިސާ އިން ފައިސާ ދޫކުރާނީ 8000 ރުފިޔާ ނުވަތަ 500 ޑޮލަރަށް ވުރެ މަދު އަދަދެއް ކަމުގައި ވާނަމަ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އަދި ޑޯމަންޓް އެކައުންޓްގެ ވެރިފަރާތުން ބަދަލުގައި އެހެން މީހަކަށް އެ ފައިސާ ނަގާނަމަ، ހުށަހަޅާ ފޯމްގައި އެކައުންޓްގެ ވެރިފަރާތާއި ޕްރޮކްސީގެ މައުލޫމާތާއި، ސޮއި ފޯމްގައި ހިމަނަން ވާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ޖޮންއިންޓް އެކައުންޓެއް ނުވަތަ ކޮމްޕެނީ އެކައުންޓެއް ނަމަ ފައިސާ ނަގަން ހުށަހަހަޅަން ވާނީ ބޭންކާއެކު އެއްބަސްވެފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ސޮޔާއެކު ކްލެއިމް ފޯމް ފުރިހަމަ ކުރުމަށްފަހުއެވެ.
ކުޑަކުއްޖެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއް ނަމަ ފައިސާ ހޯދަން ހުށަހަޅަން ޖެހޭނީ އެކައުންޓް ހުޅުވާފައިވާ ބެލެނިވެރިޔާގެ ސޮޔާއެކު ކްލެއިމް ފޯމް ފުރިހަމަ ކުރުމަށް ފަހުއެވެ.
މަރުވެފައިވާ މީހެއްގެ ޑޯމަންތް އެކައުންޓެއް ނަމަ ފައިސާ ހޯދަން ފޯމް ހުށަހަޅައިގެން ކުރިއަކަށް ނުގެން ދެވޭނެ އެވެ. އެ ފައިސާ ހޯދަން އެދެޥޭނީ ކޯޓު މެދުވެރިކޮށް ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި އެ ކޯތަކުން ނެރޭ އަމުރަކާ އެއްގޮތަށް އެމްއެމްއޭ އިން އަމުރުކުރާނެ ކަމަށް ބުނެއެވެ.
އެމްއެމްއޭއިން ބުނީ، އެކައުންޓް ޑޯމަންޓް ވުމުގެ ފުރުސަތު ނުދނުމަށް ސަމާލުވުމަށާއި އަވަހަށް އެކައުންޓް އެކްޓިވޭޓް ކޯށް އޭގާއިވާ ފައިސާ ލަސްނުކޮށް ހޯދުމަށް އިލްތިިމާސްކުރާ ކަމަށެވެ.