ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރުމަށްފަހު، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ދޫކޮށްލި މީހަކު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ހައްޔަރުކޮށް ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބުއެވެ.

މަސްތުވާތަކެތީގެ އިތުރު މައްސަލަ އެއްގައި ހައްޔަރުކުރު ޒާއިދުގެ ބަންދަށް އެންމެ ފުރަތަމަ ދިން ފަސް ދުވަސް، ހަމަވުމާއި ގުޅިގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސްޖަހާފައެވެ.

ޒާއިދުއަކީ، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން 2021 ވަނަ އަހަރު ހިންގި ބޮޑު އޮޕަރޭޝަނެއްގައި އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓާ ހޯދި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހެކެވެ.

އެ މައްސަލައިގައި ޒާއިދު ހައްޔަރުކޮށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލި ނަމަވެސް ފަހުން ވަނީ އެ މައްސަލައިގައި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ދޫކޮށްލާފައެވެ.