ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާ ކަމަށް ޝައްކުވާ ކޭސްތަކެއް ފެނުނު މައްސަލައެއްގެ ތަހުގީގަށް ބިދޭސިއަކު ހޯދަން އިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޓަފްޖޮލް މިއާއެވެ.

ފުލުހުން ބުނީ، ޓަފްޖޮލް މިއާ ހޯދަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓުތައް ކައިރީގައި އޮންނަ ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ކޭސް ފެނިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭނާ އާ ބެހޭ މައުލޫމާތުތައް ހިއްސާކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުލުހުންގެ އިދާރާ އަށް (9393351)، ނުވަތަ ފުލުހުންގެ ހޮޓްލައިނަށް (3322111) ގުޅުމަށް ފުލުހުން އެދެއެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން، ޓަފްޖޮލް މިއާ އަކީ ކާރު ދުއްވަން އިން ޑްރައިވަރެވެ.

ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުނު މައްސަލައިގައި ބިދޭސިއަކު ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނީ ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށްޓަކައި ފުލުހުން އިމިގްރޭޝަނާ ގުޅިގެން އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.