އައްޑޫ ޕޮލިސް އެކަޑަމީގައި ކާނާ ވިހަވެގެން ހާލު ގޯސްވެ އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުންގެ ތެރެއިން 1 ދަރިވަރަކު ވޯޑަށް ބަދަލުކޮށްފިއެވެ.

އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުންގެ ތެރެއިން 1 ދަރިވަރަކު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ 2 ދަރިވަރުންގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ކާނާ ވިހަވުމުގެ ސަބަބުން ޕޮލިސް ކޮލެޖްގައި ތަމްރީނު ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 32 ވަރަކަށް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ. މީގެ ތެރެއިން 5 ދަރިވަރުންނަށް ވަނީ އައިސީޔޫގައި ފަރުވާ ދީފައެވެ. ފަރުވާ ދިނުމަށްފަހު އެ 2 ދަރިވަރުން ފިޔަވާ އެހެން ދަރިވަރުން ވަނީ ދޫކޮށްލާފައެވެ.

މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާ ހިނގި ގޮތް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

ކާނާ ވިހަވުމަކީ ވަރަށް ސީރިއަސްކަމަކަށް ވާއިރު މީގެ ކުރިން ކާނާ ވިހަވުމާއި ގުޅޭ ގޮތުން ކުޑަކުދިންގެ ހާއްސަ ޑރ. އަބްދުﷲ އަފީފު ވިދާޅުވީ ކާނާ ވިހަވުމަކީ ވަރަށް އާދައިގެ ކަމެއް ކަމުގައި ބެލެވުނަސް މިކަމުގައި ވެސް ނުރައްކާތެރި ހާލަތްތަކެއް ދިމާވާ ފަހަރު އަންނަކަމަށެވެ. އެގޮތުން ނޭވާލާން އުދަގޫވެ ހާސްވާގޮތް ދިމާވެގެން ގޮސް ކޯމާ އަކަށް ދިއުން ކަހަލަ ފުރާނައަށް ނުރައްކާވާ ކަންކަން ވެސް މެދުވެރިވެގެންދާ ކަމަށާއި ހިތް ހުއްޓޭ ފަހަރުވެސް އަންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.