ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅުގެ ޖަނާޒާގެ ކަންކަން ހަމަޖައްސަވައިދެއްވީތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް އެމަނިކުފާނު ޝުކުރުދަންނަވައިފިއެވެ.

ރައީސް ސޯލިހްގެ މަންމާފުޅު އަވަހާރަވެފައި ވަނީ އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 80 އަހަރެވެ.

ރައީސް ސޯލިހްގެ މަންމާފުޅުގެ ޖަނާޒާ ބާއްވާފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. އިއްޔެ މަޣްރިބް ނަމާދަށްފަހު އެކަމަނާގެ ކަށުނަމާދު ބާއްވާފައި ވާއިރު، އިމާމުވެ ކަށުނަމާދުކޮށްފައި ވަނީ ރައީސް ސޯލިހްގެ ކޮއްކޯފުޅު މޫސާ މުހައްމަދު ސޯލިހްއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވަނީ މަންމާފުޅުގެ ޖަނާޒާގެ ކަންތަކުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޑރ. ޝަހީމް އިސްވެހުންނަވައިގެން ހަމަޖައްސަވައިދެއްވި އެންމެހާ އިންތިޒާމްތަކަށް އަމިއްލަ ނަންފުޅާއި އާއިލާގެ ފަރާތުން ޝުކުރު ދަންނަވާފައެވެ.

މީގެއިތުރުން ޖަނާޒާގައި ބައިވެރިވެ، މަންމާފުޅަށް ހެޔޮ ދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި ތައުޒިޔާ ވިދާޅުވި ހުރިހާ ބޭފުޅުންނަށް ވެސް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް އެ ޕޯސްޓްގައި ރައީސް ވިދާޅުވިއެވެ.