ކިޔަވަން އިހުތިޔާރުކުރާ ދާއިރާއަކީ ގައުމަށް އެންމެ ފައިދާހުރި އެންމެ ބޭނުންތެރި މުހިންމު ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމުގައި ހެދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓާ ޑރ. މަރްޔަމް މާރިޔާ އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން ފަސް މާއްދާއިން "އޭ ސްޓާ" ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް އަދި ފަސް މާއްދާއިން "އޭ" ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކުރި ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ހުރަވީ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މާރިޔާ ވިދާޅުވީ ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި ކިޔަވައިގެން ނިކުންނަށް ކުދިންގެ ދައުރު ވަރަށް މުހިންމުކަމަށާއި އެހެންކަމުން އެކުދިން ކިޔަވަން އިހުތިޔާރުކުރާ ދާއިރާއަކީ ގައުމަށް އެންމެ ފައިދާހުރި ދާއިރާކަމުގައި ހަދަން ޖެހޭ ކަމަށެވެ. އަދި ކިޔަވައި ނިމިގެން އައިސް ގައުމަށް ހިދުމަތް ކުރުމަކީ ކޮންމެ ކުއްޖެއްގެވެސް އަޒުމުކަމުގައި ކަނޑައަޅަން ޖެހޭކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މާރިޔާ ވިދާޅުވީ ކޮންމެ ގައުމަކުން ކިޔެވި ކަމުގައި ވިޔަސް އެއިން ކޮންމެ ކުއްޖަކީ ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބި ދިވެހީންކަން އަބަދުވެސް ހަނދާން ކުރަންޖެހޭނެ ކަމަށާއި، އެކާވީސްވަނަ ގަރުނުގައި ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަހުލާގު އަށަގަންނުވަން ކޮންމެ ދަރިވަރަކުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

އަޅުގަނޑު ތިޔަ ކުދިންނަށް ދޭން ބޭނުންވާ އެއް މެސެޖަކީ، ބޭރު ގައުމެއްގައި އުޅޭއިރު ތިޔައިން ކޮންމެ ކުއްޖަކީވެސް މި ގައުމުގެ އެމްބަސެޑަރެއްކަން ދަނެގެން އުޅުން. ގައުމު ތަމްސީލުކުރުމުގައި ރަނގަޅު ނަމޫނާއަކަށް ވުމަކީ ވަރަށް މުހިއްމުކަމެއް. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އަހުލާގުގެ މަތީގައި ދެމިތިބުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބުކަމުގައި ހަދަންވާނެ
މިނިސްޓަރު ޑރ. މާރިޔާ

މާރިޔާ ވަނީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ، ދިވެހި ޒުވާނުން އިލްމީ ގާބިލު މީހުންނަށް ހެއްދެވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ލަފާފުޅުތަކާއެކު، ކޮށްޓަވައިދެއްވާ މަގުތައް ނުހަނު ގިނަކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ހެޔޮ ނަތީޖާ ކުރިއަށްއޮތް ތަނުގައި ފެނިގެންދާނެކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.