ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީ އިން ބުނީ މި ބަދަލުތައް ގެންނަން ނިންމީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީކަމަށެވެ. އެގޮތުން ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނީ މަގުތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް އަދި ބައެއް ސަރަހައްދުތަކުގައި ސައިން ބޯޑުތައް ބަހައްޓަން ނިންމާފައިވާ ކަމަށާއި މި މަސައްކަތުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.

އެޗްޑީސީ އިން ބުނީ އަމާޒަކީ މި މަސައްކަތް މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުން ކަމަށާއި، އެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށެވެ.

އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.