ހުޅުމާލެ ފޭސް 1 ގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފިއެވެ.

މި މަހުގެ 8 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީގައި މ. ރަތްމަންދޫއަށް ނިސްބަތްވާ އަހުމަދު ނަޒީފްއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި އޭނާއަށް ހަމަލާދީފައި ވަނީ ސައިކަލުގައި ގޮސް ހުޅުމާލެ ރެޑްވޭވް ކައިރި މަޑުކުރި ވަގުތުގައެވެ.

ނަޒީފްގެ ނިތްކުރި އަދި ބޯފަޅާލާފައި ވާއިރު، އޭނާގެ މޫނުގެ ބޮޑު ބައެއް ވަނީ ދުޅަވެފައެވެ. އަދި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ވެސް އާއިލާއިން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މިފަހަކަށް އައިސް މާލޭ ސަރަހައްދުގައި މާރާމާރީގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އަދި މިފަދަ ގިނަ މާރާމާރީތައް ހިންގަނީ ކުށްކުރާ ގޭންގުތަކުންކަން ފާހަގަކުރެވެއެވެ.