ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސައިންފުޅުގެ ޖަނާޒާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އުމުރުން 80 އަހަރުގައި މުއުމިނާ ހުސައިންފުޅު އަވަހާރަވެފައިވަނީ އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ސޯލިހުގެ މަންމާފުޅުގެ ޖަނާޒާ ބޭއްވުމަަށް ހަމަޖެހިފައި ވަނީ މިރޭ މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މައްޔިތާގެ މޫނު ދެއްކުން މިއަދު މެންދުރު 14:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް އެބަ ދެއެވެ.

މުއުމިނާއަކީ ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އަދި މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހްގެ ވެސް މަންމާފުޅެވެ.

އަދި މުއުމިނާގެ ލޯފަން ދެ ބޭފުޅުން ތިއްބަވާއިރު އެ ދެބޭފުޅުންނަކީ ދެ ހާފިޒުންނެވެ. ސޯލިހުއާއެކު ޖުމްލަ 11 ބޭފުޅުން މުއުމިނާއަށް ވަނީ ލިބިވަޑައިގެންފައެވެ.