ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ސޯލިހުގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަހާރަވެފައި ވަނީ އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މުއުމިނާ އަވަހާރަވީ އިރު، އުމުރުފުޅަކީ 80 އަހަރެވެ.

ސޯލިހުގެ އާއިލާއަށް ތައުޒިޔާ ދަންނަވާ އެކްސްގައި ރައީސް ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. "މާތްﷲގެ ތަނަވަސްވެގެންވާ ރަހުމަތާއި ރުހިވޮޑިގަތުމާއި މަގުފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމާ މުއުމިނާ ހުސައިން ފުޅު ލެހެއްޓެވުން އެދި ދުއާ ކުރައްވާ" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ މަންމާފުޅު ނިޔާވުމުގެ ހިތާމައިގައި އެމްޑީޕީންވެސް ވަނީ އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ސޯލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

މުއުމިނާއަކީ ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އަދި މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހްގެ ވެސް މަންމާފުޅެވެ. އަދި މުއުމިނާގެ ލޯފަން ދެ ބޭފުޅުން ތިއްބަވާއިރު އެ ދެބޭފުޅުންނަކީ ދެ ހާފިޒުންނެވެ.