ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑުގައި 2 މަސް ދުވަހު މަޑުކުރެވޭނެ އިންތިޒާމް ފޮރިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެކަން ހަމަޖެހިފައިވަނީ އެގައުމުގެ އިމިގްރޭޝަންގެ އުސޫލުތަކަށް ގެނައި ބަދަލުތަކާއި އެކު ކަމަށެވެ.

އެގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބަދަލު ގެނެސްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

އަދި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހުގެ މުއްދަތަށް ވިސާ އިތުރުކޮށްދޭނެ ކަމަށް ބުނެއެވެ.

ތައިލެންޑުން މީގެ ކުރިން 2018 ވަނަ އަހަރުވެސް ވަނީ ދިވެހިންނަށް ހިލޭ ވިސާ ފޯރުކޮށްދީފައެވެ. ނަމަވެސް އޭރު ހިލޭ ވިސާ ފޯރުކޮށްދިނީ ހަމައެކަނި އާ އަހަރާ ދިމާކޮށެވެ.