އައްޑޫ ޕޮލިސް އެކަޑަމީގައި ކާނާ ވިހަވެގެން ހާލު ގޯސްވި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ރޭ ޝާހިދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މިނިވަން ތަހުގީގެއް ހިންގަން ޖެހޭކަމަށެވެ.
ރޭ، ޕޮލިސް ކޮލެޖްގައި ތަމްރީނު ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 32 ދަރިވަރަކު ކާނާ ވިހަވެ އޭއީއެޗްގައި ފަރުވާދީފައިވާއިރު އޭގެ ތެރެއިން ފަސްދަރިވަރަކަށް ވަނީ އައިސީޔޫގައި ފަރުވާދީފައެވެ. މިއަދު ހެނދުނު މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކާނާ ވިހަވި ދަރިވަރުންގެ ތެރެއިން މިހާރު އޭއީއެޗް އައިސީޔޫގައި ފަރުވާދެމުން އަންނަނީ ދެ ދަރިވަރަކަށް ކަމަށާއި، އެހެން ދަރިވަރުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ރޭ 7:30 ހާއިރު ހިނގި މި ހާދިސާގައި ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެ އޭއީއެޗް އެމެޖެންސީ ހާލަތަށް ގެނެސް ބަލި މީހުން ބެލުންވެސް މެދު ކަނޑާލާފައިވާއިރު، ދަރިވަރުން ކާނާ ވިހަވި ސަބަބު ދެނެގަތުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ކާނާވިހަވުމަކީ ވަރަށް ސީރިއަސްކަމަކަށްވާއިރު މީގެ ކުރިން ކާނާ ވިހަވުމާއި ގުޅޭ ގޮތުން ކުޑަކުދިންގެ ހާއްސަ ޑރ. އަބްދުﷲ އަފީފު ވިދާޅުވީ ކާނާ ވިހަވުމަކީ ވަރަށް އާދައިގެ ކަމެއް ކަމުގައި ބެލެވުނަސް މިކަމުގައި ވެސް ނުރައްކާތެރި ހާލަތްތަކެއް ދިމާވާ ފަހަރު އަންނަކަމަށެވެ. އެގޮތުން ނޭވާލާން އުދަގޫވެ ހާސްވާގޮތް ދިމާވެގެން ގޮސް ކޯމާ އަކަށް ދިއުން ކަހަލަ ފުރާނައަށް ނުރައްކާވާ ކަންކަންވެސް މެދުވެރި ވެގެންދާކަމަށާއި ހިތް ހުއްޓޭ ފަހަރުވެސް އަންނަކަމަށެވެ. މީގެ އިތުރުން އަފީފު ވިދާޅުވީ ކާނާ ވިހަވުމުގެ ސަބަބުން ނޭވާ ހިއްލާގޮތްވެސް ދިމާވާކަމަށާއި ކާނާ ވިހަވުމުގައި އެކި މީހުންނަށް ދިމާވަނީ ތަފާތު ގޮތްގޮތްކަމަށެވެ. އަދި ބައެއް މީހުން ކާނާ ވިހަވާނީ ތަފާތު އެކި ބާވަތްތަކަށްކަން ފާހަގަކޮށް އަފީފު ވިދާޅުވީ ފުޑް އެލާޖީއެއްގެ ސަބަބުން ނޭވާލާން އުދަގޫވާ ކަހަލަ ކަމެއް ދިމާވެއްޖެނަމަ އެއްވެސް ވަރަކަށް ފަރުވާ ކުޑަނުކޮށް އަވަސް ފަރުވާ ހޯދަންޖެހޭކަމަށެވެ.