އައްޑޫ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި، ފުޑް ޕޮއިޒަންވި ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް އަދިވެސް ފަރުވާދެމުން ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ އައްޑޫ ޓްރެއިނިން ސެންޓަރުގައި ޓްރެއިނިން ހަދަމުންދިޔަ ދަރިވަރުންތަކެއް ފުޑް ޕޮއިޒަންވެ އޭއީއެޗްވެސް އެލާޓަށް ގެނެސްފައިވާއިރު މިކަން ދިމާވި ސީދާ ސަބަބު ހޮސްޕިޓަލު މެދުވެރިކޮށްދަނީ ބަލަމުންނެވެ.

ރޭ ފުޑް ޕޮއިޒަންވުމާއި ގުޅިގެން 32 މީހުންނަށް އެމެޖެންސީގައި ފަރުވާދީފައިވާއިރު އެންމެ ފުރަތަމަ އައިސީޔޫގައި 5 މީހުންނަށް ވަނީ ފަރުވާދީފައެވެ. އެހެންނަމަވެސް މިހާރު އޭގެ ތެރެއިން ތިން މީހުން ދޫކޮށްލާފައިވާއިރު، މިހާރު އައިސީޔޫގައި ފަރުވާދެމުން ދަނީ ދެ މީހުންނަށެވެ.

އައްޑޫ ޓްރެއިނިން ސެންޓަރުގެ ކުދިން ފުޑް ޕޮއިޒަންވުމާއި ގުޅިގެން ގިނަ ބަޔަކު ކެފޭ/ ރެސްޓޯރެންޓުތަކުގެ ސާފުތާހިރުކަމާއި މެދު ވެސް ސުވާލު އުފައްދަމުން އަންނައިރު، އައްޑޫ ސިޓީގައި ހިންގާ މިފަދަ ތަންތަން ރަނގަޅަށް މޮނީޓާކޮށް ނުބެލެހެއްޓޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިފަދަ ތަންތަން ޗެކްކޮށް ބެލެހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ، މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ކުރިން ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.