އައްޑޫ ޓްރެއިނިން ސެންޓަރުގައި ޓްރެއިނިން ހަދަމުންދިޔަ ފުލުހުންތަކެއް ފުޑް ޕޮއިޒަން ވެއްޖެއެވެ.

މިކަމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) އެލާޓަށް އައިސް ބަލި މީހުން ބެލުން ވަނީ މެދުކަނޑާލާފައެވެ. ޖުމްލަ 33 މީހުންނަށް މިވަގުތު ފަރުވާދެމުން ދާއިރު، 5 މީހުންނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށާއި ފަރުވާ އަަށް ފަހު ދަރިވަރުން ޓްރެއިނިން ސެންޓަރަށް ގެންދަން ފަށާފައި ވާ ކަމަށެވެ.

ނަމަވެސް އެތަނުން އެކަކުވެސް އަދި އަނބުރާ ނުގެންދާކަން 'ދަ ޕްރެސް' އަށް ވަނީ ކަށަވަރު ވެފައެވެ.

އޭއީއެޗް އިން އެމަޖެންސީ ހާލަތު އިއުލާނު ކޮށްފައި ވާއިރު، ފުލުހުން ބުނީ ޝައްކު ކުރެވެނީ ކާނާ ވިހަވީ ކަމަށް ކަމަށެވެ.

ހާލަތު އިތުރަށް ދެނެގަތުމަށް އައްޑޫގައި ތިބޭ 'ދަ ޕްރެސް' ގެ ނޫސްވެރިން ގޮސް ބަލާފައި ވާ އިރު އެނގިފައި ވަނީ، ހޮސްޕިޓަލަށް ގެންދާ ބައެއް މީހުންނަށް އޮކްސިޖަންވެސް ގުޅާފައި ވާ ކަމެވެ.