ރާއްޖޭގެ އެންމެ އުތުރަށް ވިޔަފާރީގެ އިންގިލާބެއް ގެންނާނެ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މުޅި މަޝްރޫއުގެ 67.5 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ، މިއަދު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހަނިމާދޫ އެއާޕޯޓް ތަރަްގީ ކުރާ ސައިޓަށް ކުރެއްވި ޒިޔާރާތުގެ ތަފްސީލް ހާމަ ކުރަމުންނެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓް:

2400 މީޓަރުގެ ރަންވޭ އަދި އޭޕްރަންގެ 97 ޕަސެންޓް ނިމިފައިވާ އިރު، މި ރަންވޭގެ މަސައްކަތް މި އަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލް ބިލްޑިންގެ 51.4 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ އިރު، މިހާރު ކުރިއަށް ދަނީ އެ އިމާރާތުގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު 3800 އަކަމީޓަރުގެ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ އިރު މި މަސައްކަތުގެ މިހާރު ކުރިއަށް ދަނީ ފިނިޝިން މަސައްކަތެވެ. ފިއުލް ފާމް އަދި ފިއުލް ޖެޓީގެ މަސައްކަތުގެ 44.5 ޕަސެންޓް މަސައްކަތް މިނިފައިވާ އިރު، މިހާރު ކުރިއަށް ދަނީ ޓެންކްތައް ރޭވުމުގެ މަސައްކަތެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައްލަވާލައްވަނީ / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މީގެ އިތުރުން އެއާޕޯޓަށް ބޭނުންވާ މަގުތައް ހެދުމުގެ މަސައްކަތުގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު، މި މަޝްރޫއުގެ ދަށުން އިމާރާތްކުރަމުންދާ އެމްއެންޑީއެފް މަރުކަޒުގެ 55 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ. އަދި މުޅި މި މަޝްރޫ ނިންމާލެވޭނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު މުއްތަލިބް އާ އެކު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނު މަހާވާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމައެއާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދާއި، އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި، އިންޑިއާ ހައިކޮމިޝަންގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޒިޔާރާތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ވަނީ އެ ފަރާތްތަކާ ހިއްސާ ކޮށްފައި ކަމަށް ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނެއެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރާ މަސައްކަތަކަށް ވާއިރު އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.