ހުއްދައެއް ހޯދުމަކާ ނުލާ އަދި ކޯޓު އަމުރެއް ނެތި ހުދުފިނިފެންމާގޭ އިންފާރު ތަޅާލައި، މާލެ ސިޓީ ކައުންސިލުން ހިންގީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ހުދުފިނިފެންމާގޭގެ ވަކި ރަޖިސްޓްރީއެއް އޮންނަ ހަސަން ޝާކިރު މުހައްމަދު ބުނެފިއެވެ.

ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ޝާކިރު ވަނީ ހުދުފިނިފެންމާގޭ އެތެރެ ބައިގައި ދިރިއުޅޭ ފަރާތްތަކަށް އެބަޔަށް ވަދެ ނުނުކުމެވޭ ގޮތަށް ހުދުފިނިފެންމާގެއާގޭ މީހުން އެފާރު ރޭނިތާ 14 ވަރަކަށް ގަޑިއިރަށް ވުރެވެސް ގިނައިރު ވީފަހުން ހުއްދައެއް ހޯދުމަކާ ނުލާ އަދި ކޯޓު އަމުރެއް ނެތި ހުދުފިނިފެންމާގޭ އިންފާރުން ދެ ދިމާއިން ތަޅާލާ މާލެ ސިޓީ ކައުންސިލުން ހިންގާފައިވަނީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ބުނެފައެވެ.

ހުދުފިނިފެންމާގޭ އެތެރެ ބައިގައި ދިރިއުޅޭ މީހުންނަށް ނުނިކުމެވޭ ގޮތަށް ހުދުފިނިފެންމާގެއާގޭ މީހުންނަށް އެމަގުގައި އިން ފާރެއް ރޭނުމުގެ ހުއްދަ ސިޓީ ކައުންސިލުން ދިން އިރު، އެފާރު ރާނައިފިނަމަ ހުދުފިނިފެންމާގޭ އެތެރެބައިގައި ދިރިއުޅޭ ފަރާތްތަކަށް އެބަޔަށް ވަދެ ނުކުމެ އުޅެވޭނެ އިތުރު ގޮތެއް ނޯންނާނެ ކަން މާލެ ސިޓީ ކައުންސިލަށް ހަމަ ރަނގަޅަށް އިނގޭނެ
ހަސަން ޝާކިރު

ޝާކިރު ވަނީ މިކަމުގެ ސަބަބުން އޭނާއަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތަކުގެ ފުރިހަމަ ޒިންމާ މާލެ ސިޓީ ކައުންސިލުން އުފުލަން ޖެހޭނެ ކަމަށް ބުނެފައެވެ.

ހ. ހުދުފިނިފެންމާގެއާގޭގެ އިން ފާރު ރޭނުމުގެ ސަބަބުން 8 މީހަކު ތާށިވެފައި ތިބެން ޖެހުނު މައްސަލައަކީ 2020 ގައި ހުދުފިނިފެންމާގެ އިމާރާތް ކުރުމަށް ދިން ހުއްދައިގެ ދަށުން ހެދި ރަޖިސްްޓްރީގައި އެގެއަށް ވަދެ ނިކުމެވޭ ގޮތަށް ގޯޅިއެއް ކަނޑާފައި ނުވުމުން ދިމާވި މައްސަލައެއް ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން މިފަދައިން ބުނެފައިވަނީ މާލޭގެ ގެއެއްގެ އިން ފާރު ރޭނުމުގެ ސަބަބުން އެގޭގައި ދިރިއުޅޭ މީހުންނަށް ނުނިކުމެވި 24 ގަޑި އިރު ވަންދެން ތާށިވެފައި ތިބެން ޖެހުނު މި މައްސަލައާ ގުޅިގެން 13 ޖުލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ވަކީލު އަބުދުލް ހަކީމް ވިދާޅުވީ ހ.ހުދުފިނިފެންމާގެ މީހުން ނުކުމެހަދާނެ ގޮތެއް ހަމަޖައްސަން 4 ހަފްތާދިންކަމަށެވެ. އަދި ހުދުފިނިގެންމާގެ އާގޭގެ އިންފާރު ރޭނުމަށް ހުއްދަދީ، އިންފާރު ރާނަން ފެށުމުގެ ކުރިން ހުދުފިނިގެންމާގެއާގެ އިންފާރުގެ ތެރެއަށް ހުދުފިނިފެންމާގޭގެ މީހުން ވަދެނިކުމެވާތީ އެގޭގެ މީހުން ޝަކުވާ ކުރާ ކަމަށް އެގެއަށް އެންގި ކަމަށްވެސް ހަކީމް ވަނީ ވިދާޅުވެފައެވެ.

ހަކީމް ވިދާޅުވީ އެގޮތަށް ޝަކުވާކުރާނަމަ އެކަން ހުއްޓުވަން ޖެހޭތީ، އެކަމާއި ގުޅިގެން ހުދުފިނިގެންމާގެ އާގެ ތެރެއަށް ވަދެ ނުކުތުން ހުއްޓާލުމަށް އަންގައި އެގޭގެ ވެރިފަރާތް ހައްވާ އިބްރާހިމަށް މާލެ ސިޓީ ކައުންސިލުން ސިޓީއެއް ފޮނުވި ކަމަށެވެ.

ލޯޔަރު އަބްދުލް ހަކީމް ވިދާޅުވީ، އެންމެ ކުރީގައި ހ. ހުދުފިނިފެންމާގޭގެ ބޮޑު މިނަކީ 3970 އަކަފޫޓު ކަމަށާއި އެއަށް ފަހު އެ ގެ ވަނީ ދެބަޔަކަށް ބަަހައި، ކޮންމެ ބައެއްގައި 1985 އަަކަފޫޓު ހުންނާނެ ކަމަށެވެ. އޭރު އެގެ ބެހި ދެ ބައިގެ ތެރެއިން އެއް ބަޔަށް ކިޔަނީ ހުދުފިނިފެންމާގެ ކަމަށާއި ދެވަނަ ބަޔަށް ކިޔަނީ ހުދުފިނިފެންމާގެއާގެ ކަމަށް ލޯޔަރު ވިދާޅުވިއެވެ. ހުދުފިނިފެންމާގެ އާގެއަށް 1985 އަކަފޫޓު ދީފައިވާ އިރު، އޭގެތެރޭގައި އެގެއަށް ވަދެ ނިކުތުމަށް ކަނޑާފައިވާ ގޯޅި ވެސް ހިމެނޭ ކަމަށް ލޯޔަރު ވިދާޅުވިއެވެ.

އެއަށް ފަހު ހުދުފިނިފެންމާގެ ވަނީ ދެބަޔަށް ބަހާފައި ކަމަށާއި އެއްބަޔަށް ކިޔަނީ ކުބުރާ ކަމަށާއި އަނެއް ބަޔަށް ކިޔަނީ ހުދުފިނިފެންމާގެ ކަމަށް ލޯޔަރު ވިދާޅުވިއެވެ. އެ ދެބައި ބަހާފައި ވަނީ ހަދީބީ މަގުން އެ ދެބަޔަށް ވެސް ވަދެވޭ ގޮތަށް ކަމަށް ލޯޔަރު ވިދާޅުވިއެވެ.

ފާރު ރޭނުމުގެ ސަބަބުން އެގޭގައި ތާށިވެފައި ތިބި މީހުން ނެރުމަށް ސިޓީ ކައުންސިލުން ފުލުހުންނާ އެކު ގޮސް ވަނީ ހަސަން ޝާކިރުގެ ގެއިން ގޯލި ކަނޑަން ޖެހޭ ދިމާލުން ފާރު ތަޅާލައިގެން އެތެރެއަށް ވަދެ އެމީހުން ނެރެފައެވެ. މިކަމަށް ވެސް އަވަސް ހައްލެއް ހޯދުމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ލޯޔަރު ވިދާޅުވިއެވެ. އަދި މަޝްވަރާ ކުރުމަށް ފަހު އެ ދެގޭގެ ވެރިންނާ ބައްދަލުކޯށްގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ހައްލެއް ނުލިބިއްޖިއްޔާ މި މައްސަލައިގައި ކޯޓު މެދުވެރިކޮށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.