މަސްވެރިކަން ދަށްވެ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މަސްފިހާރަތަކުން ކަޅުބިލަމަހުގެ ބާވަތްތައް ހުސްވެއްޖެއެވެ.

މިފްކޯގެ މަސްފިހާރަ ތަކުން ކަޅުބިލަމަހުގެ ބާވަތްތައް ހުސްވުމާ ގުޅިގެން އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯއިން ބުނީ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވަނީ މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދުވެސް ދަށްވުމުގެ ސަބަބުން ކަމަށެވެ.

އެ ކުންފުނީގެ ފަރާތުން އިތުރަށް ބުނީ، މި ކަމާ ގުޅިގެން ދަޅުމަސް ވިއްކުމުގައި ވަކި ލިމިޓެއް ކަނޑަނާޅާ ކަމަށާއި، އެކަމަކު ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަމަސް ލިބިގެން ކަމަށެވެ. އެކަމަކު ކަންނެލި މަހުގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް މިފްކޯ އިން މައުލޫމާތުދެއެވެ.

"ވެލިއު އެޑެޑް ޕްރޮޑަކްޓްގެ ތެރެއިންވެސް ކަޅުބިލަމަސް ނުލިބޭތީ ޕްރޮޑަކްޝަން ދަށްވެފައި މިހާރު އޮތީ، އެކަމަކު މަސްވެރިކަން ރަނގަޅުވުމާއެކު ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެ،" މިފްކޯގެ މެސެޖުގައިވެއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު 52،657 މެޓްރިކް ޓަނުގެ މަސް ކިރާފައިވެއެވެ. މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ކިރާފައިވަނީ 31،873 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރަށް ވުރެ 39 ޕަސެންޓު ދަށް އަދަދެކެވެ.