އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކިތަންމެ މައްސަލައެއް ހުށަހެޅިއަސް އެ ކަމެއްގައި "ވާ ކަމެއް ހަރާމް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާ ގުޅޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށްގޮސްފައި ވާ ހިސާބު ދެނެގަތުމަށް އޭސީސީގެ މެންބަރުން މިއަދު ކޮމިޓީއަށް ހާޒިރުކޮށް ދެއްކެވި ވާހަކައިގެ ތެރެއިންނެވެ. އެގޮތުން ނާޒިމް ވިދާޅުވީ އޭސީސީ އަށް މައްސަލަ ހުށަހެޅިޔަސް، މައްސަލަތައް ހިފަހައްޓައިގެން ތިބޭތީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެ، މައްސަލަތައް ބޭރުކޮށްލާ ހާލަތު ދިމާވާ ކަމަށެވެ.

ތި ބޭފުޅުން ކޮންމެ ދައުރެއްގައި ވެސް ހަމަ އެއް ވާހަކަ ދައްކަވަނީ އިނގޭތޯ. ވާ ކަމެއް ހަރާން އިނގޭތޯ. ދެން އަނެއްކާވެސް އަޅުގަނޑުމެން ވީ ތި ބޭފުޅުން ބަދަލުކުރަން. އަނެއްކާވެސް އަނެއް ފަސް މީހުން އައިސްގެން ވެސް މިހެން،
އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ އެތައް މައްސަލައެއް އޭސީސީ އަށް ލިބެމުން ދިޔަ ނަމަވެސް އޭސީސީ އިން އެއްވެސް ކަމެއް ނުކޮށް ތިބި ކަމަށެވެ. މިކަމާ ގުޅިގެން އޭސީސީ އިން ބުނީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް އެކަން އޭސީސީން ގެނައި ކަމަށެވެ.

މީގެއިތުރުން މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ގެއްލިގެން އަނބުރާ ހޯދަން އަންގާފައިވާ ފައިސާގެ ތެރެއިން ހޯދިފައިވަނީ ހަ ލައްކަ ރުފިޔާ ކަމަށާއި އެއީ އޭސީސީގެ ތާރީހުގައި ރެކޯޑެއް ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން ބެލިއިރުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ މިހާ ހިސާބަށް ހޯދިފައިވޭ. އެއީ އަހަރެއްގެ މިހާހިސާބަށް އައިއިރު މިހާތަނަށް އޭސީސީން އެންގި އަދަދުން ދައުލަތުން ރިކަވާ ކުރެވިފައި އޮތް އެންމެ ބޮޑު އަދަދުކަން ވެސް ފާހަގަކުރަން. މި ދަނީ ވަރަށް ގާތުން މޮނީޓަރު ކުރަމުން އެ އަދަދުތަކަށް ވާ ގޮތް,
އާދަމް ޝާމިލް

ޝާމިލް ވިދާޅުވީ އެކަށީގެންވާ ނަތީޖާ ތަހުގީގުތަކުގައި ލިބިފައި ނެތްކަން ގަބޫލުކުރައްވާ ކަމަށާއި، އެކަމުގެ ސަބަބެއް ކަމުގައި ގަބޫލު ކުރައްވަނީ އޮޑިޓާ ހިލާފަށް ބަލާ އެ މައްސަލަތަކަކީ ޖިނާއި މައްސަލަތަކަށް ވުމުން ސާބިތުކުރަން ޖެހޭ މިންގަނޑަށް ބަލާއިރު ޝައްކު ނެތް މިންވަރަށް ގެންދަން ޖެހޭތީ ކަމަށެވެ.