އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވަން ކަނޑައެޅި ތަން ބަދަލުކޮށްފި އެވެ.

މީގެ ކުރިން އެ ޖަލްސާ ބާއްވަން ނިންމާފައި އޮތީ ކުރުނބާ މޯލްޑިވްސްގަ އެވެ. ނަމަވެސް އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވާ ތަނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ޖަލްސާ ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތަނަކީ އުމަރު ޒާހިރު ބިލްޑިންގެ ހަ ވަނަ ފަންގިފިލާގައި ހުންނަ މަލްޓިޕާޕަސް ހޯލުގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

2023 ވަނަ އަހަރު ބޭއްވި 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަކަށް 4 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް، އެއަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށްފަހު ހިއްސާދާރުންގެ ވޯޓުން އެއައިޓަމް ފާސްނުވާކަމަށް ކަނޑައަޅާފައެވެ.

ނަމަވެސް އެ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ވަނީ 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއާބެހޭ ގޮތުން މަޝްވަރާކޮށް، ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމުގެ މަތިން މިއަހަރު ބާއްވާ ހާއްސަ އާންމު ޖަލްސާއަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަކަށް 4 ރުފިޔާ ބެހުމަށް އަލުން ހުށަހަޅާފައެވެ.

އެގޮތުގެ މަތިން އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުން 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 5 ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް 4 ރުފިޔާ ބަހާގޮތަށް ވަނީ ފާސްކޮށްފައެވެ.