ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތް މައްސަލައެއް، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އާންމު ފަރާތަކުން މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ފުލުހުންނަށެވެ. އެކަން މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގު ކުރުމުގެ މެންޑޭޓު އޮންނަނީ އޭސީސީގައި ކަމަށާއި، އެހެންވެ އޭސީސީ އަށް އެ މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން:
- ޒިފްލީނާ ބައްލަވައިގެންފައި ވަނީ އެފް ޑަބްލިއު ރެޒިޑެންސްގެ ފްލެޓެއް
- އެ ފްލެޓަށް އެޗްޑީސީން ހުށަހަޅާފައި ވަނީ 3.56 މިލިއަން ރުފިޔާ ހުށަހަޅާފައި
- އެ އަގަށްވާ ލާރި އޭނާ ވަނީ އެއްކޮށް ދައްކަވާފައި، އަދި އެޗްޑީސީން އެކަން ކަށަވަރުކޮށްދީފައިވޭ
މި ހުކުމާ ގުޅިގެން މި ސަރުކާރުގެ އިސް ބައެއް އޮފިޝަލުންނާއި ބައެއް އާންމުން ވަނީ، ޒިފްލީނާ ފްލެޓް ބައްލަވައިގަތީ މަގާމުގައި ހުންނަވައި ނަހަމަގޮތުގައި ކަމަށް ތުހުމަތުކޮށް، މައްސަލަ ބެލުމަށް ގޮވާލައިފައެވެ.
އެ ތުހުމަތުތަކަށް ރައްދުދެއްވައި އަމިއްލަ ފޭސްބުކް އެކައުންޓްގައި ޒިފްލީނާ ލިޔުއްވި ގޮތުގައި:
- އޭނާ ފްލެޓް ބައްލަވައިގަތީ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގަތުމުގެ ކުރިން
- ފްލެޓް ބައްލަވައިގަތް މައްސަލަ އެއްކޮށް ނިމުނީ ފްލެޓް އިމާރާތްކުރި ފަރާތާއި އެޗްޑީސީން ކުރަން ޖެހޭ އިދާރީ ކަންކަން ނިންމުމަށް ފަހު، ފްލެޓުގައި ދިރިއުޅުއްވަމުން ވަޑައިގަންނަވާތާ ހަތަރު އަހަރު ފަހުން
ބައެއް ފަރާތްތަކުން އޭނާގެ ވާހަކަ އޮޅުން އަރާ ގޮތަށް ފަތުރައި، އޭނާގެ ފޮޓޯ އެކި ގޮތްގޮތަށް ބަދަލުކޮށް ބައެއް ފަރާތްތަކުން އޭނާގެ އަބުރު ކަތިލުމަށް މަސައްކަތްކުރާތީ ހިތާމަކުރައްވާ ކަމަށް ވެސް އެ ޕޯސްޓުގައި ލިޔުއްވިއެވެ.
"ސިޔާސީ މަސައްކަތުގައި އަޅުގަނޑު އުޅެންފެށި ފަހުން އަޅުގަނޑާ ޒާތީގޮތުން ދިމާކޮށް އަޅުގަނޑުގެ އަބުރު ކަތިލަން ކުރަމުންގެންދާ މަސައްކަތަށް ހުއްޓުމެއް އައިސްފައި ނުވެއެވެ. ސިޔާސީ މައިދާނަށް ނިކުންނަ އަންހެނުންނާއި ޒާތީ ގޮތުން ދިމާކުރުމަކީ އިތުރުވަމުން އަންނަ ކަމެކެވެ. މިކަމުގައި ވަކި ފިކުރެއް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އަންހެނަކު އިސްތިސްނާއެއް ނުކުރެއެވެ،" އިއްޔެ ޒިފްލީނާ ލިޔުއްވި ޕޯސްޓުގައި ވެއެވެ.