ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ނިމިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ އޮތުމުން، ސިޔާސީ ތިން ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން 'އެކްސް'ގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ނިމިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ އޮތް ތިން ޕާޓީއަކީ:

  • މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)
  • ދަ ޑިމޮކްރެޓްސް

އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މި ތިން ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއެއް ވެސް ބައިލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭ ޕާޓީގެ އަހަރީ ހިސާބުތައް، އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށް ފަހު، އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.

ހަމަ އެހެންމެ މި ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުން، ޕާޓީގެ އަހަރީ ހިސާބުތައް ބަލަހައްޓާފައި ނުވާ ނަމަ، ނުވަތަ ކޮމިޝަނަށް ހުށަހަޅަން ޖެހޭ މާލީ ރިޕޯޓުތައް ހުށަހަޅާފައިނުވާ ނަމަ، 20 ހާސް ރުފިޔާ އާއި 50 ހާސް ރުފިޔާ އާ ދެމެދުގެ އަދަދަކުން ޕާޓީތައް ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.