ޖަޕާނުން ދިވެހި ފުލުހުންނަށް ޕޮލިސް ކާރާއި، ޓޮޔޯޓާ ހަދިޔާކޮށްފިއެވެ.

މި އުޅަނދުތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި އުޅަނދުތަކާއެކު މަގުމަތީގެ އަމާންކަމާއި ހަމަޖެހުން ގާއިމު ކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށާއި، މުޖުތަމައު ގައި ކުށްކުރުން އިތުރުވަމުން ދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތްތައްވެސް އިތުކުރަން ޖެހިފައި ވާކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އެކަންކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ހިދުމަތުގައި ގާއިމް ކޮށްގެން ކަމަށާއި، ޖަޕާނު ސަރުކާރުން ހަދިޔާކުރި އުޅަނދުތަކާއެކު ފުލުހުންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޖަޕާނު ސަރުކާރުން މެޓަލް ޑިޓެކްޓަރާއި، ލޭސަރާއި، ޕެސެންޖާ ކްރާފްޓާއި، ރަބާ ބޯޓު ފަދަ ވަސީލަތްތައްވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

ސަފީރު ތަކެއުޗީ ވިދާޅުވީ މިއީ ޖަޕާނު ސަރުކާރުން ލޯ އެންފޯސްމެންޓަށް ސަޕޯޓްދޭން ބޭނުންވާކަމުގެ ހެއްކެއްކަމަށާއި، މި ތަކެތީގެ ސަބަބުން ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޖަޕާނު ސަރުކާރުން 54 ޕޮލިސް ކާރާއި، 4 ޓޮޔޯޓާ ވޭން ހަދިޔާ ކޮށްފައި ވާއިރު، މިތަކެތީގެ އަގު 61.7 މިލިއަން ރުފިޔާއަށް އަރައެވެ.