މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80ރ ބަހަން އެސްޓީއޯއިން ފާސްކޮށްފިއެވެ.

ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 80ރ ބަހަން ފާސްވީ، ޖަލްސާގައި ބައިވެރިވި 189 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓު މީހުންގެ ވޯޓުންނެވެ.

މިއީ މިދިޔަ އަހަރު ހިއްސާއަކަށް ބެހުމަށް އެސްޓީއޯ އިން ނިންމި އަދަދަށް ވުރެ 3ރ ބޮޑު އަދަދެކެވެ. އަދި މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ހިއްސާއަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދުވެސް މެއެވެ.

މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 16.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ 2.2 ބިލިއަން ރުފިޔާގެ މަދުވުމެކެވެ. އެކަމަކު 2022 އަށް ވުރެ މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ފައިދާ އާއި ސާފު ފައިދާ ވަނީ އިތުރުވެފައެވެ. އެގޮތުން:

  • ހިންގުމުގެ ފައިދާ: 1.03 ބިލިއަން ރުފިޔާ (2022)، 1.28 ބިލިއަން ރުފިޔާ (2023)
  • ސާފު ފައިދާ: 728 މިލިއަން ރުފިޔާ (2022)، 819 މިލިއަން ރުފިޔާ (2023)

މީގެ އިތުރުން ރޭގެ ޖަލްސާގައި އެސްޓީއޯއިން ވަނީ މި އަހަރަށް އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސައިފައެވެ. އަދި އުޖޫރައިގެ ގޮތުގައި 65.5 ހާސް އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.