36 ރަށަކުން ޖުމްލަ 150 މީހުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވެ ހިންގާފައިވާ ބައި މިލިއަނަށް ވުރެ ފައިސާ ފޭރިގެން މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މި ސްކޭމް ހިންގުމަށް ވިކްޓިމް އަށް ގުޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު ފަހު 2:03 ހާއިރު ކަމަށާއި ވިކްޓިމްގެ ފޯނުގެ ސިމް ކޮމްޕްރޮމައިސްވި ކަން އެނގިފައި ވަނީ އެ ކޯލް ލިބުނުތާ 50 މިނެޓް ފަހުން ކަމަށެވެ. އެއާއެކު ވިކްޓިމް އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހަވީރު 4:15 ގައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ސްކޭމް ހިންގި ފަރާތުން އާންމު ފަރުދަކަށް ގުޅައި ވަނީ ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައި އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި ވިކްޓިމް މޯބައިލް ނަންބަރު އީސިމްއަކަށް ބަދަލުކޮށްގެން ހިންގާފައިވާ ސްކޭމެއް ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ވިކްޓިމްގެ އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިސްކޮށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޭނާގެ ޕާސަނަލް އެކައުންޓުން 25،000 ރުފިޔާއާއި، އަދި އޭނާގެ ބައިވެރިވުން އޮންނަ ޖަމިއްޔާއެއްގެ އެކައުންޓުން 562،000 ރުފިޔާ ނަގާފައިވާ ކަމަށް ފުލހުން ބުނެއެވެ.

މި މައްސަލައިގައި ފޭރިގެންފައި ވަނީ މުޅި ޖުމްލަ 587000 ރުފިޔާ ކަމަށާއި އަދި މި މައްސަލައާ ގުޅިގެން އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ބޭންކާއެކު ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ވިކްޓިމްގެ ޕާސަނަލް އެކައުންޓުން 47 ޕަސެންޓް ފައިސާއާއި ޖަމިއްޔާގެ އެކައުންޓުން 42 ޕަސެންޓް ފައިސާ ސަލާމަތް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ތަހުގީގުން އެނގިފައިވާ ގޮތުގައި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ރާވައިގެން ހިންގާފައިވާ ސްކޭމެއް ކަމަށާއި ޖުމްލަ 36 ރަށެއްގައި ހިމެނޭ 150 މީހުން ސީދާ އަދި ނުސީދާ ގޮތުން ބައިވެރިވެފައިވާ ކަމަށާއި މީގެ ތެރެއިން ބައެއް ފަރާތްތަކަށް މާލި ގޮތުން މަންފާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ސްކޭމުން ނިގުޅައިގެން ފައިސާގެ ތެރެއިން 62 ޕަސެންޓް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 8 އޭޓީއަމަކުން ފައިސާ ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ނިގުޅައިގެން ފައިސާގެ ތެރެއިން 19 ޕަސެންޓް ފައިސާ ވަނީ ކްރިޕްޓޯ ކަރަންސީއާއި 5 ވިޔަފާރިއަކަށް އިލެކްޓްރޯނިކްސް މުދާ ގަތުމަށް ހޭދަކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އެކަކު ހައްޔަރު ކޮށްފައިވާ އިރު މިއީ ކުށުގެ ރެކޯޑް އޮތް ފަރާތެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.