ރިޔާސީ އިންތިހާބާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދޭތެރޭގައި ހޭދަވާ ކުރު މުއްދަތުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހަރަދު ބޮޑުކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް، ގާނޫނު އަސާސީއަށް އިސްލާހުތައް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާއިރު މިކަމާއި ގުޅިގެން ފުވާދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރުން ގެންގުޅޭ ރަނގަޅު ވިސްނުމެއް ކަމަށެވެ. ދެ އިންތިހާބު އެކުގައި ބޭއްވުމަށް އެކި ފަހަރުމަތިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި ކުރީގެ ސަރުކާރުތަކުގައިވެސް އެދިފައިވާނެކަން ފާހަގަކުރައްވަމުން ފުވާދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތްގޮތުން ދެ އިންތިހާބު އެކުގައި ބޭއްވުމަކީ މިވަގުތު އެޅިގެންދާނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ދެ އިންތިހާބު ވަކިން ބޭއްވުމުން ދިމާވާ މައްސަލަތަކާއި ގުޅޭ ގޮތުން ފުވާދު ވިދާޅުވީ މީގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާ، ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން އަދި ވޯޓުލާ މީހުންނަށްވެސް ބުރައަކަށްވެގެންދާ ކަމަށެވެ. އެހެންނަމަވެސް އިންތިހާބު އެކުގައި ބާއްވާނަމަ، އިންތިހާބަށް ކުރަންޖެހޭ ހޭދައާއި ވަގުތު މަދުވެ، ރައްޔިތުން ހޭލުންތެރިކުރުމާއި އިންތިހާބުގެ ކަންކަން ތަރައްގީކުރުމަށް ފަސޭހަވެގެންދާނެކަމަށް ފުވާދު ވިދާޅުވިއެެވެ.

ރިޔާސީ އިންތިހާބާ، މަޖިލީސް އިންތިހާބު އެކުގައި ބާއްވާ ނަމަ ދައުލަތުން އިންތިހާބަށް ކުރަންޖެހޭ ހަރަދުތައްވެސް ބޮޑު ތަނުން ކުޑަކުރެވިގެން ދާނެކަން ފާހަގަކުރައްވަމުން ފުވާދު ވަނީ މިކަމުގެ ތަފްސީލުތައްވެސް ހާމަކުރައްވާފައެވެ. މި ގޮތުން އޭނާ ވިދާޅުވީ އިންތިހާބަކަށް އެވްރެޖުކޮށް 120 މިލިއަން ރުފިޔާ ހޭދަވާއިރު ރިޔާސީ އިންތިހާބުގެ ދެ ބުރާ، މަޖިލިސް އިންތިހާބު އެއްކޮށް 300 މިލިއަނެއްހާ ރުފިޔާ ހޭދަވާކަމަށެވެ. އެހެންނަމަވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމުން އިންތިހާބަށް ކުރާ ހަރަދު 45 ޕަސެންޓް ކުޑަކުރެވިގެންދާނެކަން ފާހަގަކުރައްވަމުން ފުވާދު ވިދާޅުވީ އޭރުން މުޅި ޖުމްލަ ކުރަންޖެހޭ ހަރަދު 150 މިލިއަނަށްވުރެ އިތުރުނުވާނެކަމަށެވެ.

މީގެ އިތުރުން ފުވާދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބާއްވާނަމަ ވޯޓުލާ މީހުންގެ ނިސްބަތްވެސް އިތުރުވެގެން ދާނެކަމަށާ އަދި އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ހޯދުމުގައި ދިމާވާ ދަތިތައްވެސް ހައްލުވެގެން ދާނެކަމަށެވެ.