ކުނީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހިރާހަކީ ހެދިފައިވާ ގަވާއިދުތަކަށް އަމަލުނުކުރުން ކަމަށާއި ގަވައިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަށް ދެނެގަނެ އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވިރޮންމެންޓު މިނިސްޓާ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތޯރިގް މިފަދައިން ވިދާޅުވީ އެންވިރޮންމެންޓު މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ތޯރިގު ވިދާޅުވީ ގަވައިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަށް ދެނެގަނެ އެފަރާތްތަކާއި މެދު ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ަގަވައިދުގައި ކުނި އެޅުން މަނާ ސަރަހައްދުތައް ސާފުކޮށް ބަޔާންކޮށްފައިވާ އިރުވެސް އެއަށް ސަމާލުކަން ނުދީ އެކި ފަރާތްތަކުން އަމަލުކުރަމުން ދާކަން ފާހަގަކުރެވޭ. މިސާލެެއްގެ ގޮތުން، މި ގަވައިދުގައި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން އެ އުޅެނދެއްގައި އުފައްދާ ކުންޏާއިމެދު އަމަލު ކުރަންޖެހޭގޮތް ބަޔާންކޮށްފައި އެބަވޭ. ނަމަވެސް އެއާ ހިލާފަށް އަޅުގަނޑުމެންނަށް މިފެންނަނީ މިފަދަ އުޅަނދު ފަހަރުން ކަނޑަށާއި އަދި ރަށްރަށުގެ ހޭޅިފަށަށް ކުނި ބާލާ މަންޒަރު، މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރަައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ އެބަ ކުރިމަތިވޭ
މިނިސްޓަރު ތޯރިގު

ތޯރިގު އިތުރަށް ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއްކަމަށްވީ ނަމަވެސް، ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންދާ މައްސަލަވެސް ފާހަގަވެފައިވާ ކަމަށާއި، މިފަދަ މައްސަލަތަކުގެ ސަބަބުން ރާއްޖޭގައި ހެދިފައިވާ ކުނި މެނޭޖްކުރުމުގެ ސިސްޓަމްތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަދި އެންމެ އެކަށީގެންވާ ހަރަދެއްގައި ނުކުރެވޭކަމަށެވެ.

މިކަމަށްވެސް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރުވަނީ މުޅިން އާ ގައުމީ ސިޔާސަތުތަކެއް އެކުލަވާލާ އެތަންފީޒުކުރަން ފަށާއި ކަމަށާއި މި ސިޔާސަތުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ކުނި މެނޭޖްކުރުމުގެ ހިދުމަތް ދިނުމަށް ޕްރައިވެޓް ސެކްޓާއަށް ރަސްމީކޮށް ހުޅުވާލުން ކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ވިޔަފާރިއެއްގެ ގޮތުގައި ރީސައިކަލް ކުރުމަށް ހުޅުވާލުމަކީވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު މިނިސްޓްރީން މިހާރުވަނީ އެކުލަވާލާ ގެޒެޓްކުރުމުގެ މަސައްކަތް ފަށާފައި ކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.