ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ތަފާތު އެކި ސްކޭމް ހިންގައި އެކި މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ / ފުނޯސް، އަބްދުﷲ މިލްހާނު (33އ) އެވެ. އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި މީދޫއިންނެވެ.
މި އޮޕަރޭޝަނަކީ، ފުލުހުންނަށް އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.
މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މިލްހާނުއަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން ވަނީ ދެނެގަނެވިފައެވެ. އަދި މިގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް އެ މީހުންނަށް ވެސް ފައިދާއެއްދީ މި ސްކޭމްތަކުގައި ބައިވެރިކުރުވާފައިވާކަން ވެސް އެނގިފައިވެއެވެ.
އަދި މިފަދަ ތިން މައްސަލައެއްގައި 16000 ރުފިޔާ މަކަރާއި ހީލަތުން އޭނާ ހޯދާފައިވާ ކަން ވެސް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސައްހަނޫން ޕޯސްޓުތައް ޖަހައިގެން ހިންގާ ސްކޭމްތައް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން، އޮންލައިންކޮށް ވިޔަފާރިކުރާއިރު، މުދާ ލިބުމުން ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.