އެއާޕޯޓްތަކަށް ދިމާވެދާނެ އެމެޖެންސީތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫއެއްގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގައި އެންމެ ގިނަ ޑޮމެސްޓިކް އެއާޕޯޓް އޮޕަރޭޓް ކުރާ ކުންފުނި ކަމަށްވާ އާރްއޭސީއެލްއިން އެމްޕީއެލްއާއެކު މި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިއްޔެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮފީހުގައެވެ.

އާރްއޭސީއެލްއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން އެއާޕޯޓަށް ދިމާވެދާނެ އެމެޖެންސީ ހާލަތެއްގައި އެއާޕޯޓް އޮޕަރޭޝަނަލް ހާލަތަކަށް ގެނައުމަށްޓަކައި ކަނޑާއި އަދި އެއްގަމު މަގުން ބޭނުން ކުރަން ޖެހިދާނެ އެކި ކަހަލަ ވަސީލަތްތައް ހޯދުމުގައި އެމްޕީއެލްގެ އެހީތެރިކަން އާރްސީއެލްއަށް ލިބިގެންދާނެ ކަމަށެވެ.

އެމަޖެންސީ ހާލަތެއްގައި ވެސް އާރްސީއެލްއިން އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަށް ބުރުލެއްނާރާ އޮޕަރޭޝަން ކުރިއަށްގެންދެވޭނެ މަގު ފަހި ކުރުމަކީ މި އެއްބަސްވުމުގެ އެއް ބޭނުން ކަމަށް ވެސް އާރްއޭސީއެލްއިން ވަނީ ބުނެފައެވެ.

އާރްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްއެވެ.