ދިވެހިރާއްޖޭގެ އަމާންކަމާއިމެދު ދުނިޔެއިންކުރާ އިތުބާރަށް ދެގޮތެއްވިޔަނުދިނުމަކީ އެންމެންގެ ގައުމީ މޮޓޯއެއްކަމުގައި ހަދަންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

"ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ" ކޮންފަރެންސް ފެށުމަށް ކްރޮސްރޯޑްސް މޯލްވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން އިގްތިސޯދު ވަރުގަދަކުރެވި، ތަރައްގީގެ ދުވެލި ބާރުކުރެވި، ދިވެހީން އެދޭ ތަމައްދުނާއި ކުރިއެރުން ހާސިލްކުރެވޭނެކަމުގައެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި މުޖުތަމައުގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭ އެންމެ މުހިއްމު އެއް އަސާސަކީ ދިވެހީންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ބަޔަކަށްވުން ކަމަށެވެ. އަދި ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން، މި ރާއްޖެ މަޝްހޫރުކަން ހޯދާފައި ވަނީ، ގުދުރަތީ ރީތިކަމާ، ދިވެހީންގެ ކިބައިގައި ލައްވަވާފައިވާ ހިތްހެޔޮކަމާ، ކެތްތެރިކަމާ، އެއްބައިވަންތަކަމުގެ އާދަކާދަތައް ދަމަހައްޓާފައިވާތީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ބޭނުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތައް ގުޅިގެން، ރާއްޖޭގެ އަމާންކަމާއި މުޖުތަމައުގެ ބަދަހިކަމާއި ވިލުންވެރިކަން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި، އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ދެނެގަނެ، ސަލާމަތާ، ރައްކާތެރިކަމުގެ ހާލަތު އޮތްގޮތް ތަސައްވުރުކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މާދަމާގެ އަމާންކަމަށް މިއަދު ކުރަންވީ ކަންކަމުގެ އަމާޒުތައް ކަނޑައެޅުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ރަނގަޅު ތައުލީމުގެ ތެރެއިން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަރައްގީކުރުމަށް ބާރުއަޅުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދީ އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރާވަންޖެހޭކަމަށާއި، މިކަންކަން ކުރިއަށް ގެންދިއުމުގައި މުޖުތަމައުގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ އެއްބާރުލުން ހޯދުމަށްވެސް އެމަނިކުނު އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދަރީންގެ ހިތްތަކާ ފިކުރިއްޔާތުގައި އިސްލާމީ ރިވެތި އާދަތައް ބިންވަޅު ނަގުވައި، ކެތްތެރިކަމާ ތަހައްމަލުކުރުމުގެ ރިވެތި އާދަ ހުންނަ، ގައުމު ދެކެ ލޯބިވާ، އެއްބައިވަންތަ، އަދި އެއްބައެއްވަންތަ ދިވެހި މުޖުތަމައެއް އުފެއްދުމަކީ ދުރާލާ މަސައްކަތްކޮށްފިނަމަ، ހާސިލްކުރެވޭނެ ލަނޑުދަނޑިއެއްކަމުގައެވެ. އަދި މި އަމާޒަށް ވާސިލުވުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވެވިއެވެ.