ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލެއް ބުރިކޮށް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދު އިތުރު ކޮށްފިއެވެ.

ކޭބަލް ވަގަށް ގެންގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއާއެކު މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށް ފެހި މަގާ، މެދު ޒިޔާރަތް މަގާ، ކަޅު ހުރާ މަގާ އަދި ކަރަންކާމަގުގެ ބައެއް ގެތަކުން އެދުވަހު ކަރަންޓުވެސް ކެނޑިފައި ވެއެވެ.

އަދި ހަމައެހެންމެ އެ ދުވަހު އިތުރު ކޭބަލެއްވެސް ބުރިކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި އެ މައްސަލައިގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އަދި މި މައްސަލަައިގައި ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަ އިތުރުވަމުން އަންނައިރު، އަޟްހާ އީދާއި ގުޅިގެން މާލެ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައްވެސް ވަނީ ވަގަށް ނަގާފައެވެ.

ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް, ވަގަށް ނަގާފައިވާ މައްސަލަވެސް ފެންމަތިވެފައިވާއިރު، އެޗްޑީސީ އިން ބުނީ މިތަކެތި ވަގަށް ނަގަނީ 'ބްލެކް މާކެޓް' ގައި ވިއްކުމަށް ކަމަށެވެ.

މިފަދަ ނޭދެވޭ އަމަލުތައް ހިންގުމުގެ ތެރޭގައި ބައެއް މީހުން ކަރަންޓުގައި ޖެހި ބޮޑެތު ހާދިސާތައްވެސް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ.